މިޙާދިސާ ކިޔާފައި ޖަވާބުދޭށެވެ! ތިބާގެ މަންމަގެ ހިތްދަތިކުރުވާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 26ސ
މިޙާދިސާ ކިޔާފައި ޖަވާބުދޭށެވެ! ތިބާގެ މަންމަގެ ހިތްދަތިކުރުވާނަން ހެއްޔެވެ؟

ތަނަވަސްކަން ނެތް މަންމައަކަށް އެކަނި ދަރިއަކު ގެންގުޅެ ބޮޑުކުރަންޖެހުމުން އުފުލަންޖެހޭ ބުރަތަކާއި ދަތިޙާލުގައި އުޅެންޖެހުމުން ކުރާ އަސަރު ވަޒަންކުރެވޭނީ އެފަދަ ޙާލެއްގައި ދަރިން ގެންގުޅެން ޖެހުނު މީހަކަށެވެ. ބޮޑެތިވުމުން ގިނަ ދަރިން އެކަމުގެ އަގު ވަޒަންކޮށް މަންމައަށް ހެޔޮކޮށް ހިތައެވެ. ނަމަވެސް އިހާނެތިކޮށް ހިތާ ދަރިންވެސް ތިބެއެވެ.  

ތިރީގައި އެވަނީ ފަޤީރު ޙާލުގައިވެސް ދަރިފުޅާ އަޅާލުމާއި ހެޔޮކޮށް ހިތުމުގައި ނަމޫނާ މަންމައެއްގެ ހިތުގަ ޖެއްސި ދަރިފުޅަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކައާއި އެކަމުގެ ތެރޭގައި މަންމަ މަރުވިފަހުން ކަންކަން ވިސްނި މަންމަގެ ފުރާނައަށް ރަޙްމަތް ލެއްވެވުން އެދިގެން ކަންކަން ކުރުމުން ލިބުނު އުފާވެރިކަމުގެ ވާހަކައެވެ. ވާހަކަ ވިދާޅުވެ ޢިބްރަތް ޙާޞިލުކުރައްވާށެވެ!   

ވަރަށް ފަޤީރު ޙާލުގައި އަޅުގަނޑު ބަލައި ބޮޑުކުރީ މަންމައެވެ. ހެދުން ފަހައިދީ ހެދިވެސް ފިހާރަފިހާރައިން ބާކީވެފައި ހުންނަ ފޮތިކޮޅުކޮޅު ހޯދައިގެން މަންމަގެ އަތުންނެވެ. މަންމަ ނުކައި ހުރެވެސް އަޅުގަނޑަށް ކާންދިނެވެ.  

އެހައި ރަނގަޅަށް މަންމަ އަޅުގަނޑާއިމެދު ކަންކަން ކުރުމުންވެސް އަޅުގަނޑަކަށް އެކަންކަން ޤަބޫލެއް ނުކުރެވުނެވެ. ޝުކުރުވެރިއެއް ނުވެވުނެވެ. ކުރެވުނީ ޝަކުވާއެވެ. އެހެން ކުދިންގެ މަންމަ ގަނެދޭ އަގުބޮޑު ފޭރާމާއި ހޯދައިދޭ އަގުބޮޑު ގަހަނާ އަޅުގަނޑަށް ހޯދައިނުދޭތީއެވެ. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ ވަރަށް މުއްސަނދި ދިރިއުޅުމެކެވެ.  

އަޅުގަނޑަށް ވަރަށް މުއްސަނދި ދިރިއުޅުމެއް ލިބުނެވެ. ވަރަށް ތަނަވަސް ފިރިއަކު ލިބުނެވެ. އޭނާގެ އަގުބޮޑު ގެއަށް ދެވުމުން މަންމަމަތިން އެކުގައި ހަނދާން ނައްތައިލެވުނެވެ. މަންމަގެ ޙާލުވެސް ބަލައި ނުލަމެވެ. އެހީއެއްވެސް ނުވަމެވެ. މަންމަވެސް އަޅުގަނޑަށް އުނދަގޫކުރާކަށް ނާދެއެވެ.  

އެތައް އަހަރެއްފަހުން އެއްދުވަހަކު މަންމަ އައިސް ބުނީ ބޭސްފަރުވާކުރަން ފައިސާކޮޅެއް ބޭނުންވާ ކަމަށެވެ. ނުދޭނަން ކަމަކަށް ނުބުނަމެވެ. ނަމަވެސް ނުދިނުމުން މަންމަ ދިއައީއެވެ. އަޅުގަނޑަށް އެދުވަހު އެގޮތަށް ކަންކަން ކުރެވުނީ ކީއްވެގެންކަމެއް ޚުދު އަޅުގަނޑަކަށްވެސް ނުއެނގުނެވެ. 

ކޮންމެއަކަސް އެއިގެ ކުޑަދުވަސްކޮޅެއްފަހުން ފިރިމީހާ އަޅުގަނޑު ވަރިކޮށްފިއެވެ. ގެއިން ބޭރުކޮށްލައިފިއެވެ. އެއްވެސް އެއްޗެއްވެސް ފައިސާއެއްވެސް ނުދިނެވެ. އެދުވަހު އެނބުރި އަންނަން ޖެހުނީ އަނެއްކާވެސް މަންމަގެ ގެއަށެވެ. މަންމަގެ ގާތަށެވެ.  

ގެ ހުރީ ތަޅުލާފައެވެ. އަޅުގަނޑު ގޮސް ދޮރު ނުހުޅުވިގެން އުޅޭތަން ފެނުމުން އަވަށްޓެރިއަކު ތަޅުދަނޑި ގެނެސްދިނެވެ. ބުނީ ވަރަށް ބަލިހާލުގައި އުޅުމަށްފަހު މަންމަ ނިޔާވެއްޖެ ކަމަށެވެ. މަރުމަތީގައިވެސް ދަރިފުޅުމަތިން ވަރަށް ބޮޑަށް ހަނދާންކުރި ކަމަށެވެ. އަދި ދުވަހަކު ކޮޅުންވެސް ގެއަށް އަތުވެއްޖެނަމަ ތަޅުދަނޑި ހަވާލުކުރަން ބުނި ކަމަށެވެ. އަދި ސަލާންބުނަންވެސް ބުނި ކަމަށެވެ.  

އެވާހަކަތައް އަޑުއިވުމުން ގަނޑުވެފައި އަޅުގަނޑަށް ހުރެވުނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައެވެ. މަންމަގެ ބޭސްފަރުވާއަށް އެދުވަހު ފައިސާ ނުދިނުމުން މަންމަވެސް ނިޔާވީއެވެ. އަދި ކައިވެނި ރޫޅި މިހާލު ޖެހުނީވެސް މަންމައަށް އެހައި ނުބައިކޮށް ކަންކަން ކުރެވުނީމާ ކަމަށްވެދާނެކަމަށްވެސް ހިތަށް އެރިއެވެ.  

ގެއަށް ވަދެ ވިސްނައިލީމެވެ. ދެން ކިތަންމެ ވަރަކަށް ދެރަވިނަމަވެސް އެދުވަހު މަންމައަށް އެހީވެވުނު ކަމަކަށް ނުވާނެއެވެ. އަޅުގަނޑަށް ތަނަވަސްކަން ލިބުމުން ކުޑައިރުންސުރެ ނިކަމެތި ޙާލުގައި ބުރަމަސައްކަތުން އެކަނިމާއެކަނި ގެންގުޅެ ބޮޑުކުރި މަންމައަށް އެހީތެރިވެވުނު ކަމަކަށްވެސް ނުވާނެއެވެ.  

ނަމަވެސް ދެން ފުރުޞަތެއް ލިބިއްޖެނަމަ މަންމައަށް އާޚިރަތް ދުވަހު ޘަވާބުލިބޭނެ ކަންކަން ކުރަން ނިޔަތްގަތީމެވެ. އެހެން ނިޔަތްގަތުމުން ކަމަށްވެސް ވެދާނެއެވެ. ދެންވެސް ލިބުނީ ހަމަ ވަރަށް ތަނަވަސް ފިރިއެކެވެ. ފުރަތަމަ ކަމަކަށްވެސް މަންމައަށް ޙައްޖެއް ހޯދައިދިނީމެވެ. މަންމަގެ ހަނދާނުގައި މިސްކިތެއްވެސް އެޅީމެވެ. އަދި ބާޒާރުކުރާ ކޮންމެ ދުވަހަކު ފެންނަ ފަޤީރުންނަށް މަންމައަށްޓަކައި ޞަދަޤާތްކުރީމެވެ. ފަޤީރަކަށް އެހީތެރިވާން ލިބޭ ކޮންމެ ފުރުޞަތެއްގައި އެހީތެރިވީމެވެ. ހަމަ މަންމައަށްޓަކައެވެ.  

އެކަމުގައި ލެއްވެވި ބަރަކާތް ވަރަށް ބޮޑެވެ. މިހާރު މިހުރީ މުސްކުޅިވެފައެވެ. އަދިވެސް ދިރިއުޅެމުން މިދަނީ އުފަލުގައެވެ. ސަލާމަތް ޞިއްޙަތުގައެވެ.  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގައި ޙިއްޞާ މިކުރީ ކިޔުންތެރިންނަށް ފައިދާކުރާނެ ވަރަށް ޢިބްރަތްތެރި ވާހަކައެއްކަމަށް ޤަބޫލުކުރެވިގެންނެވެ.  

އަޅުގަނޑަކީވެސް މިއަދު މުސްކުޅިވެފައި އިން މަންމައެކެވެ. އުންމީދުކުރަނީ އަޅުގަނޑުގެ ދަރިންނަށްވެސް އަދި ހުރިހާ ކުދިންނަށްވެސް އަގުހުރި ފިލާވަޅަކަށްވެގެންދާނެ ކަމަށެވެ.  \


- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން