އެއީވެސް ލޯޞިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައި ކައިވެނިކުރި ދެމީހުންނެވެ. ލޯބިވެގެން އުޅުނުއިރުވެސް ފިރިމީހާ އެއްވެސް ކަމެއް އޮޅުވައެއް ނުލައެވެ. ލިބޭ މުސާރައާއި ހުރިހާ ކަންކަން ކިޔައިދެއެވެ.
ކައިވެނިކުރީ އެކަންކަމަށް ރުހި ޤަބޫލުވެގެން ނަމަވެސް ކައިވެނިކުރުމަށްފަހު އަނބިމީހާ މައްސަލަތައް ޖައްސަން ފެށިއެވެ. ކުރަން ބޭނުންވާ ޚަރަދުތައް ނުކުރެވޭތީއެވެ. އެކުވެރިން އުޅޭ ފެންވަރުގައި ނުއުޅެވޭތީއެވެ. ދަޢުވަތުލިބޭ ޕާޓީތަކަށްދާން އައުހެދުން ނުލިބޭތީއެވެ.
މިޝަކުވާތައް ހިފައިގެންގޮސް މަންމައަށް ކިޔައިދިނުމުން މަންމަ ވަރަށް ދެރަވިއެވެ. މަންމަ ބުނީ ފިރިމީހާ އޭނާގެ އުފަލަށް ކަންކަން ނުކޮށްހުރެވެސް ދަރިފުޅަށް ކަންކަން ކޮށްދޭއިރު ޚާއްޞަކޮށް ފިރިމީހާއަށް ލިބޭ މުސާރަ އެކުގައި ދަރިފުޅުގެ އަތަށް ދެމުން ގެންދާއިރުވެސް ދަރިފުޅު ބޭނުންވާ ކަންކަން ނުކުރެވިގެން ޝަކުވާކުރުމަކީ އަންތބެއްގެ ކިބައިގައި ހުންނާނެ އެންމެ ނުބައި ސިފައެއް ކަމަށެވެ.
"ދަރިފުޅާއެވެ! ވަކިވެވިދާނެއެވެ. ތަނަވަސް މީހަކާއި ކައިވެނިވެސް ކުރެވިދާނެއެވެ. ނަމަވެސް އަކްލާޤީ ގޮތުން އޭނާގެ ކިބައިން ފެންނާނީ ކޮން ކަންތައްތަކެއްކަން ދަރިފުޅަށް އެނގެނީ ކިހިނަކުން ހެއްޔެވެ؟ ހަމަޤައިމުވެސް ދަރިފުޅުގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދުވަހަކުވެސް އަތް އިސްނުކުރާތަނުގައި ބާރަށް ބަހެއްވެސް ނުބުނެއެވެ. އެފަދަ ރަނގަޅު މީހުން މިހާރު ވަރަށް މަދުވާނެއެވެ. މިއީ މަންމަގެ ވިސްނުމެވެ. މަންމަގެ ނަޞީޙަތެވެ. ދަރިފުޅުގެ ދިރިއުޅުނުގެ ކަންކަން ދަރިފުޅަށް ފެންނަ ގޮތަކަށް ނިންމާށެވެ. އެކަމަކު ބުނަން ހެއްޔެވެ؟ މަންމަގެ ނަބީޙަތް ޤަބޫލުނުކުރާނަމަ ދެރައެއް ލިބޭ ދުވަހު އެވާހަކަ މަންމައަށް ކިޔައިދޭނެ ކަމެއް ނެތެވެ. އަމިއްލައަށް ޒިންމާ އުފުލާށެވެ!"
އޭނާ ދިއައީ އެނބުރި ގެއަށެވެ. ގޭގައި އިނދެގެން ވަރަށް ވިސްނިއެވެ. ވިސްނުމަށްފަހު ނިންމީ ފިރިމީހާފަދަ ރަނގަޅު މީހަކު ނުލިބިދާނެކަމަށެވެ. ތަނަވަސްކަން ކުޑަވުން ފިޔަވައި އެހެން ހުރިހާ ކަމެއްގައިވެސް ފިރިމީހާއަކީ އެންމެ ރަނގަޅު މީހަކު ކަމަށްވާތީއެވެ. އެހެންވެ އެއިގެ ފަހުން އެބާވަތުގެ ވާހަކައެއްވެސް ފިރިމީހާއަކާ ނުދައްކައެވެ. މަސައްކަތްކުރީ ލިބޭ މިންވަރުން ފުއްދައިގެން ލޯބިން އެކުގައި އުޅެވޭތޯއެވެ.
މިއީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއްގެ ވާހަކައެވެ. މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީ އެކުވެރިޔާއަށް އޭނާގެ މަންމަ ދިން ނަޞީޙަތަކީ ވަރަށް އަގުހުރި ނަބީޙަތަކަށްވާތީއެވެ. އޭނާގެ ދަރިފުޅަށް އެކަންޏެއް ނޫނެވެ. ކޮންމެ އަންހެން ދަރިއަކަށްވެސް ވަރަށް ފައިދާކުރާނެ ނަޞީޙަތަކަށްވާތީއެވެ.
އަޅުގަނޑުގެ އެކުވެރިޔާއަށް ތަޢްރީފްކުރަމެވެ. އެއީ މަންމަ ވިސްނައި ދިނުމުން އެކަން ބަލައިގަތީތީއެވެ. ތަނަވަސްކަމުގެ ބޭނުމުގައި ހެޔޮލަފާ ފިރިމީހާއާއި ވަކިނުވީތީއެވެ. އަދި ތަނަވަސްކަމަށް ބޭނުންއިރުވެސް ތަނަވަސްކަމަށްވުރެ ހެޔޮލަފާ ފިރިމީހާ މާމުހިންމުކަމަށް ނިންމީތީއެވެ. ގިނަ އަންހެނުންނަށް ދެރަ ލިބެނީ އެގޮތަށް ކަންތައް ނުކުރެވޭތީއެވެ.
- ފަރީޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ