ސަލްމާ އިސްތިޚާރާ ނަމާދުކުރެއްވުމަށްފަހު، އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [އަޅުގަނޑު ކަލޭގެފާނުގެ ވަޢުދަށް ރުހިއްޖައީމުއެވެ.] އެއަށްފަހު އެކަލޭގެފާނު މިނިވަންކުރައްވައި، ހަނގުރާމައިގެ މައިދާނަށް ފޮނުވައިލެއްވިއެވެ. އަބޫ މިޙްޖަން ވަޑައިގެން، ސަޢުދުގެފާނުގެ އަސްކޮޅަށް ސަވާރުވެވަޑައިގެން މުސްލިމުންގެ ލަޝްކަރުގެ ކަނާތުފިޔަޔާ ގުޅިވަޑައިގަތްވެއެވެ. އެއަށްފަހު [ﷲ އަކްބަރު] އޭ ވިދާޅުވެ، ލޮންސިން އީރާނުގެ ލަޝްކަރުގެ ވާތުފަރާތުގައި ތިބި ސިފައިންނަށް ވަރުގަދަ ހަމަލާއެއް ދެއްވިއެވެ.
މި ހަމަލާދެއްވުމަށްފަހު ލަޝްކަރުގެ ސަފުތަކުގެ ތެރެއިންލާފައި ވަޑައިގެން، އިސްލާމީ ލަޝްކަރުގެ ވާތުފިޔަޔަށް ވަޑައިގެން ދުޝްމަނުންގެ ކަނާތުފަރާތަށް ވަރުގަދަ ހަމަލާއެއް ދެއްވިއެވެ. ރޭގަނޑުވުމުން އެކަލޭގެފާނު ދުޝްމަނުންގެ ލަޝްކަރާ ވަރަށް ވަރުގަދައަށް ހަނގުރާމަކުރެއްވިއެވެ. ރޭގަނޑުގެ ވަގުތުކަމުން މުސްލިމުންނަށް އެކަލޭގެފާނު ފާހަގައެއް ނުކުރެވުނެވެ.
ސަޢުދުގެފާނު އާލާސްކަންފުޅާ އުޅުއްވި ނަމަވެސް، އެކަލޭގެފާނު ގެންދެވީ ހަނގުރާމައިގެ ކަންތައްތައް އުސްތަނަކަށް އަރާވަޑައިގެން ބައްލަވަމުންނެވެ. އެކަލޭގެފާނަށް މީހަކު ވަރަށް ހިތްވަރާއެކު ހަނގުރާމަކުރާތަން ފެނިވަޑައިގެން ވިދާޅުވިއެވެ. [ގަންދެމެވެ! އަބޫ މިޙްޖަން ހައްޔަރުކޮށްފައި ނުވާނަމަ، ހަމަ ޙަޤީޤަތުގައިވެސް އެއީ އެކަލޭގެފާނެވެ. އެ މީހަކު ސަވާރުވެގެން އެއިނީ ތިމަންކަލޭގެފާނުގެ އަސްކޮޅަށެވެ.] މީސްތަކުންގެ ތެރެއިން ބަޔަކު އެ ފަހުލަވާނަކީ އުޑުން ފޮނުއްވުނު މަލާއިކަތެއްކަމުގައި ވެސް ޤަބޫލުކުރިއެވެ. އެރޭގެ ހަނގުރާމަ ނިމުމަށްފަހު އެކަލޭގެފާނު އެނބުރި ވަޑައިގެން، އަލުން އަމިއްލަފުޅަށް ކަސްތޮޅުގައި ހައްޔަރުވެވަޑައިގަތްވެއެވެ.
އަބޫ މިޙްޖަން ހަނގުރާމައިގައި ދެއްކެވި ފަންވަރާއި ބުންވަރު ސަލްމާއަށް އެނގިވަޑައިގަތެވެ. އެކަމަނާއަށް އޭނާ ވެވަޑައިގަތް ވަޢުދުވެސް ފުއްދެވިއެވެ. އެކަމަނާގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. [މުސްލިމުންނަށް ބޭނުންވަނީ މިފަދަ ހިތްވަރުގަދަ، ޖެހިލުންކުޑަ ފަހުލަވާނެކެވެ. މިފަދަ ނާޒުކު ދަނޑިވަޅެއްގައި އޭނާ ހައްޔަރުކޮށްފައެއް ނުބެހެއްޓޭނެއެވެ.] ސަލްމާ، އަބޫ މިޙްޖަންގެ އަރިހަށް ވަޑައިގެން، އެކަލޭގެފާނު ހައްޔަރުކުރެވުނު ސަބަބު އެއްސެވިއެވެ. އެކަމަނާ ދެންނެވިއެވެ. [އޭ އަބޫ މިޙްޖަންއެވެ! ސަޢުދުގެފާނު ކަލޭ ހައްޔަރުކުރެއްވީ ކީއްވެގެންތޯއެވެ؟] އަބޫ މިޙްޖަން ދެންނެވިއެވެ. [ﷲ ގަންދެމެވެ! އެކަލޭގެފާނު ތިމަންނާ ހައްޔަރުކުރެއްވީ ޙަރާމް އެއްޗެއް ކައިގެން، ޙަރާމް އެއްޗެއް ބޮއެގެނެއް ނޫނެވެ. ޖާހިލިއްޔަ ޒަމާނުގައި އަޅުގަނޑަކީ ރަލަށް ވަރަށް ބޮޑަށް ޝައުޤުވެރިވާ މީހަކީމެވެ. އަޅުގަނޑަކީ ޅެންވެރިއެއްކަމުން، ޅެންބައިތުތައް ފަސޭހަކަމާއެކު އަޅުގަނޑުގެ ދުލަށް އާދެއެވެ. ނަޡުމުތަކެއްގެ ސިފައެއްގައި އަޅުގަނޑުގެ ތުންފަތުން ބޭރުވެއެވެ. ބައެއް ފަހަރު އެ ބައިތުތަކުގެ ޤައިދަކަށް އަޅުގަނޑު ވެދެއެވެ. އެއްފަހަރަކު އަޅުގަނޑު ރަލަށް ތާރީފުކޮށްފައި ޅެންބައިތުތަކެއް ކީމެވެ. [އަހަރެން މަރުވުމުން ވަޅުލާނީ މޭބިސްކަދުރުވެލުގެ މޫތަކުގެ ދަށުގައެވެ. އޭގެ ތެތްކަމުން އަހަރެންގެ ކަށިތައް ތާހިރުކުރުމަށްޓަކައެވެ. އަހަރެން ސަހަރާގެ ތެރޭގައި ވަޅުނުލާށެވެ. ރަލުގެ މީރުރަހަ އަހަރެންގެ އަރުތެރޭގައި ނުލާފާނެކަމަށް އަހަރެން ބިރުގަންނަމެވެ.] ސަޢުދުގެފާނަށް އަޅުގަނޑުގެ މި ޅެންބައިތުތަކުގެ އަޑު އިވިވަޑައިގަތުމުން ކޯފާ އިސްކުރައްވައި، އަޅުގަނޑު ހައްޔަރުކުރެއްވީއެވެ.]
ސަލްމާ އެކަމަނާގެ ފިރިކަލުން ސަޢުދުގެފާނުގެ އަރިހަށް ވަޑައިގެން، އަބޫ މިޙްޖަންއާ ދެކެވުނު ވާހަކަތައް ވިދާޅުވެދެއްވިއެވެ. ސަޢުދުގެފާނު ވަގުތުން އެކަލޭގެފާނުގެ އަރިހަށް އަބޫ މިޙްޖަން ޙާޟިރުކުރެއްވިއެވެ. އޭނާގެ ގައިކޮޅުގައި އެޅުވިފައިވާ ކަސްތޮޅު ނައްޓައިލެއްވުމަށްފަހު ވިދާޅުވިއެވެ. [އަޅުގަނޑު ކަލޭގެފާނު ޢަމަލުނުކުރައްވާ ކަމަކަށް އަދަބެއް (ނުވަތަ ޢުޤޫބާތެއް) ނުދޭނަމެވެ. އެ ކަމުގެ ބުރަ އުފުލުމަކަށް ނުޖައްސާނަމެވެ.] މި އަޑުއައްސަވައިފައި އަބޫ މިޙްޖަން ދުވަހަކުވެސް އެކަލޭގެފާނުގެ ދޫފުޅުން އެފަދަ ބަސްތަކެއް ބޭރުނުކުރުމަށް ހުވާކުރެއްވިއެވެ.
- ނުނިމޭ -