މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، އެ ސަރަހައްދު އަންނަ ހަފުތާގައި ޓްރެފިކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިއްޒުއްދީން ފާލަމުން ފެށިގެން ބާސެލޯ ނަސަންދުރައާ ހަމައަށް އޮތް ސަރަހައްދު، މަސައްކަތް ނިމުމުން ހުޅުވާލާނެ ކަމަށެވެ. އަލަށް ތަރައްގީކުރި މި ބައިގައި 500 ސައިކަލަށް ޕާކު ކުރެވޭނެ ހާއްސަ ޕާކިން ފެސިލިޓީއެއް ހިމެނޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި މަޝްރޫއުގެ ފައިދާ ކުރާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގު ބޭނުންކުރާ ފަރާތްތަކަށް ނޫން ކަމަށެވެ. "މިހާރު ހުޅުވާލާފައިވާ ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަލާއިރު، މި ތަރައްގީގެ ސަބަބުން ވަށައިގެންވާ މަގުތަކުގެ ތޮއްޖެހުން ވެސް ކުޑަވެފައިވޭ،" ރައީސް ވިދާޅުވިއެވެ.
މި ފިޔަވަހި ނިމުމުން، ދެން ފަށާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބައި ތަރައްގީ ކުރުމުގެ މަސައްކަތެވެ. ރައީސް ސިފަކުރެއްވި ގޮތުގައި އެއީ ބޮޑުތަކުރުފާނު މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ބައެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގެ މާރުކޭޓު ސަރަހައްދަށާއި ވިޔަފާރި ސަރަހައްދަށް ވަދެނިކުމެ އުޅުމަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެއެވެ. މީގެ އިތުރުން މުޅި މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.