މާތް ﷲ ގެ ވަޙީބަސްފުޅު މިއޮތީއެވެ. (އާޔަތުގެ މާނަ)
"އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ އަހުލުވެރިންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރުކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި ފާސިދު ޢަމަލު ކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤު ވެދެތެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ." (އަލްއިސްރާ: 16)
ރާއްޖޭގެ ބައެއް ރަށްރަށުގެ އަހުލުވެރިން އެބަ ބުނެއެވެ. "ރަށުގައި ތަނަވަސްކަން އިތުރުވެއްޖެއެވެ. އެކަމަކު މިހާރަކު ރަށެއް ނެތެވެ. ފާފަތައް ކުރުމުގައި މީސްތަކުންގެ ޢަމަލުތައް ހައްދުފަހަނައަޅައި ހިނގައްޖެއެވެ.
ރަށްވަށައިގެންލާ ބޮޑުހިލައިގެ ތޮށިގަނޑަކަށްވެސް، ދަގަނޑުފިލާޖަހައި ކޮންކްރީޓުން ވާޓަރުލީނަމަވެސް އެރަށަކަށް ﷲ ތަޢާލާ ކޯފާ ފޮނުއްވަވައިފިނަމަ ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުއޮންނާނެއެވެ. ރައްކައުތެރިކަން ލިބެން އޮތް ހަމައެކަނި މަގަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރައްކައުތެރިކަން ލިބުމެވެ.
ބޮޑެތި މިސްކިތްތައް އަޅައި ހަމައެކަނި ހުކުރަށް ދިއުމަކުން ނުފުދޭނެއެވެ. ފަރުޟް ނަމާދުތައްވެސް ކުރަންޖެހެއެވެ. ފާފަތައް ކުރުމުން ދުރުހެލިވެ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާންވެސް އެބަޖެހެއެވެ. ވީމާ ފަށަމުން ހާމަމިކުރި އާޔަތަށް ބިރުވެތިވަމާ ހިނގާށެވެ! ދުނިޔޭގައިވެސް ސަލާމަތްކަން ލިބެން އޮތީ އެއިރުންނެވެ. އިން ޝާ ﷲ
އިތުރަށް ހަމައެންމެ ވާހަކައެއް ބުނެލާނަމެވެ. މަރުވެ ވަޅުލެވުމުން "ތިބާގެ ރައްބަކީ ކޮބައިތޯ؟" މަލާއިކަތުން ކުރައްވާ ސުވާލަށް ޖަވާބުދެވޭނީ އަހުރެމެންގެ ވެރި ރައްބު އަންގަވާފައިވާ ގޮތަށް ދުނިޔޭގައި އުޅުނު މީހަކަށެވެ. ނޫންނަމަ އަޅައަޅައިގަންނަމުން ދޭންޖެހޭނީ ހަމަ ކާފިރުންވެސް ދޭނެ ޖަވާބެވެ!
މިއަދުނޫހުގެ ކިޔުންތެރިއެއް