ހެޔޮލަފާ އިޚްލާޞްތެރި އަންތބަކު އިންދާ ރީތި އަންހެނަކު ބޭނުންވެގެން ދެއަންތބަށް ކައިވެނިކުރި މީހަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ހެޔޮލަފާ އިޚްލާޞްތެރި އަންތބަކު އިންދާ ރީތި އަންހެނަކު ބޭނުންވެގެން ދެއަންތބަށް ކައިވެނިކުރި މީހަކަށް ކުރަންޖެހުނު ހިތި ތަޖުރިބާގެ ވާހަކަ-

މިޙާދިސާ ޚާއްޞަ މިކުރަނީ ރީތީގެ ފަހަތުން ދުވެވޭ މީހުންނަށެވެ. ހެޔޮލަފާ ބައިވެރިއަކު ލިބުމުން ޝުކުރުވެރިނުވެވޭ މީހުންނަށެވެ. ވިސްނައި ޢިބްރަތް ޙާޞިލުކުރުމަށެވެ.  

ތިމާއަށް އިޚްލާޞްތެރި، ތެދުވެރި، ހީވާގި، އަދި ތަޤްވާވެރި އަންތބަކު ލިބުމަށްވުރެ ވަކިން ބޮޑު އުފަލެއް ނުލިބޭނެކަން އެންމެ ހެޔޮލަފާ ބޭކަލުންގެ ބަސްފުޅުތަކުންވެސް އެނގެން އެބައޮތެވެ. އަދި އެންމެންހެން މިދަނީ އެކަންކަން ތަޖުރިބާވެސް ކުރަމުންނެވެ. އެހެންކަމާއިއެކުވެސް ބޭރުފުށުގެ ސިފައަށް ދަހިވެތިވެވޭ މީހުން ވަރަށް ގިނައެވެ.  

ތިރީގައިވާ ވާހަކައަކީ މިގޮތުން ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އަގުހުރި ފިލާވަޅެކެވެ. ވިދާޅުވެލައްވާށެވެ!  

އަޅުގަނޑަކީ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހެއް ނޫނެވެ. ނަމަވެސް ތަނަވަސްކަމާއިއެކު ފުދިގެން ދިރިއުޅޭ މީހަކީމެވެ. އަޅުގަނޑު ކައިވެނިކުރީ އެކުވެރިއެއްގެ ކޮއްކޮއަކާއިއެވެ. ކައިވެނިކުރިއިރު ބޮޑަށް ބެލުނީ އޭނާގެ ސިފައަކަށް ނޫނެވެ. އޭނާގެ އަޚްލާޤަށެވެ. ހީވާގިކަމަށެވެ. އަމިއްލަ ކަންކަމަށް ސަމާލުކަންދޭ މިންވަރަށެވެ.  

އަޅުގަނޑުގެ ނިންމުން ވަރަށް ކާމިޔާބެވެ. އަންތބެއްގެ ކިބައިން ލިބެންޖެހޭ ހުރިހާ ޚިދުމަތްތަކެއް ވަރަށް ބަރާބަރަށް ލިބެއެވެ. އަޅައިލުން ލިބެއެވެ. ލޯބިލިބެއެވެ. އެއްވެސް ކަމަކަށް ބުނާކަށް ނުޖެހެއެވެ. ކޮށްދޭންޖެހޭ ހުރިހާ ކަންކަން ބަރާބަރަށް ކޮށްދެއެވެ.

ނަމަވެސް ކައިވެނީގެފަހުން އަޅުގަނޑުގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ. ރީތި ޒުވާން އަންހެން ކުދިން ފެނުމުން ބޭނުންވާން ފަށައިފިއެވެ. އެކުދިންގެ ކިބައިން އުފާޙާޞިލުކުރަން ދަހިވެތިވާން ފަށައިފިއެވެ. އެންމެފަހުން ވަރަށް ރީތި ކުއްޖަކާއި ދެއަންތބަށް ކައިވެނިކުރީމެވެ.  

ފުރަތަމަ މަހެއްހައި ދުވަހު ކަންކަން ދިއައީ ކޮންމެވެސް ވަރަކަށް ރަނގަޅަށެވެ. ނަމަވެސް ދެން ކަންކަން ބަދަލުވާން ފަށައިފިއެވެ. އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދޭއިރުވެސް އަޅުގަނޑަށް ޖެހެނީ އޭނާއަށް ނޯކިރީކޮށްދޭށެވެ. އަބަދުވެސް އޭނާއަށް ޚިދުމަތްކުރާށެވެ! ގޭގައި ނުކައްކާތީ ގިނައިން ކާންދާންޖެހެނީ ރެސްޓޯރަންޓްތަކަށެވެ. ފިހާރައަކަށް ވަންނަމަވެސް އެންމެ އަގު ބޮޑު އެއްޗެތި ނޫނީ ބޭނުމެއް ނުވެއެވެ.  

ކޮންމެއަކަސް އެއް އަހަރު ފާއިތުވެއްޖެއެވެ. ވިޔަފާރީގެ ހިސާބުތަކާއި އަމިއްލަ ޚަރަދުތަކުގެ ހިސާބުތައް އޮޑިޓަރުން ބަލައި ނިންމައި ރިޕޯޓް ހުށަހެޅުމުން ދިއައީ ސިއްސައިގެންނެވެ. އަޅުގަނޑަށް ހުރިހާ ޚިދުމަތްތަކެއް ކޮށްދޭ އަނބިމީހާއަށް ކުރެވުނު ޚަރަދުތަކަށްވުރެ އަޅުގަނޑު އެއަންތބަކަށް ނޯކިރީކުރަންޖެހޭ އަނބިމީހާއަށް ކުރެވުނު ޚަރަދުތައް އެތައް ގުނައެއް ބޮޑެވެ. އޮޑިޓަރުން ވަނީ އެކަން ފާހަގަކޮށްފައެވެ. އެކަން އެހާފަސޭހައިން ފާހަގަކުރެވުނީ ދެ އަނބިންނަށް ދެ އެކައުންޓަކުން ޚަރަދުކުރާތީއެވެ.  

އެހިސާބުން އަޅުގަނޑު އެވާހަކަ އަނބިމީހާ ގާތު ދެއްކުމުން ބުނީ ކައިވެނިކުރީ މަސައްކަތްކުރަން ނޫން ކަމަށެވެ. އަދި ފިރިމީހާއަށް "ހޭހަން" ކުރަން ބޭނުންނުވާ ކަމަށާއި އޭނާ ބޭނުންވަނީ އޭނާއަށް ބޭނުންވާ ޚަރަދުތައް އެއްވެސް ޝަކުވާއެއް ނެތިކުރާނެ ފިރިއެއް ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ޚަރަދުކުރިނަމަވެސް އަޅައިލުން ދެވޭނީ އޭނާ ބޭނުންވާ ވަރަކަށް ކަމަށެވެ.  

އެހިސާބުން އަޅުގަނޑު އޭނާ ދޫކޮށްލީއެވެ. ފުރަތަމަ އަނބިމީހާއަށް ހުރިހާ ސަމާލުކަމެއް ދީގެން އުޅެން މަސައްކަތްފެށީއެވެ. ނަތީޖާވެސް ވަރަށް ރަނގަޅެވެ. އެގޮތަށް އުޅެން ފެށުމުން އަނބިމީހާ ވަރަށް ރީތިވެސް ވެއްޖެއެވެ. ޒަމާނީ ދޮން، ލޫޅާފަތި، ޗާލު އަންހެންކުދިންނަށް ބަލަންވެސް ފޫހިވާން ފަށައިފިއެވެ. އަދި ކީއްހެއްޔެވެ؟ ކުރާ މަސައްކަތުން ލިބޭ ނަފާވެސް އިތުރުވާން ފަށައިފިއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ތަޖުރިބާ ހިއްޞާ މިކުރީ ފަހަރެއްގައި ކޮންމެވެސް ބައަކަށް ފައިދާކޮށްފާނެ ކަމުގެ އުންމީދުގައެވެ. އަޅުގަނޑުގެ ތަޖުރިބާއިން އަޅުގަނޑަށް އެނގުނީ ހިތަކީ އެމީހަކު ބޭނުންވާ ގޮތަކަށް ބައްޓަން ކުރެވޭނެ އެއްޗެއްކަމެވެ. އަނބިންގެ ކިބައިން ހިތްހަމަޖެހުން ލިބެނީ އަނބިމީހާގެ ސިފަ ރީތިކަމުން ނޫންކަމެވެ. ރިވެތި ދިރިއުޅުމާއި އަންތބެއްގެ ވާޖިބު އަދާކުރާ މިންވަރުންކަމެވެ. ފިރިމީހާއަށް ކޮށްދޭ ޚިދުމަތުން ކަމެވެ.  

މިއީ އަޅުގަނޑުގެ ވިސްނުމެވެ. ވިސްނުން ތަފާތު ބައަކުވެސް ތިބެދާނެއެވެ. ތިބޭނެކަންވެސް އެނގެއެވެ. އެއީވެސް މައްސަލައެއް ނޫނެވެ.

 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން