ޢިބްރަތްތެރި ވާހަކަ: ފަލަކަމުން ސިފަހުތުރުވާ މީހުންނަށްވެސް ކިތަންމެ ފަލަ ނަމަވެސް ތަނަވަސްކަން ހުރިނަމަ ސިފަވެސް ރީތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 5ސ
ޢިބްރަތްތެރި ވާހަކަ: ފަލަކަމުން ސިފަހުތުރުވާ މީހުންނަށްވެސް ކިތަންމެ ފަލަ ނަމަވެސް ތަނަވަސްކަން ހުރިނަމަ ސިފަވެސް ރީތިވޭ!

ދިރިއުޅުމުގައި އެންމެންނަށް ކަންކަން ކުރިމަތިވާނީ އެއްގޮތަކަށް ނޫނެވެ. ކުރިމަތިވާނީ އެއްބާވަތުގެ ކަންކަމެއްވެސް ނޫނެވެ. ހަމައެފަދައިން އެންމެންގެ ހަށިގަނޑު ހުންނާނީވެސް އެއްގޮތަކަށް ނޫނެވެ. އެއްބަރުމިނެއްގައިވެސް ނޫނެވެ.  

ހަށިގަނޑު ފަލަވުމުން ކަމުނުދާ ބައަކު އުޅޭފަދައިން ކަމުދާ ބައަކުވެސް އުޅޭނެއެވެ. ހަމައެކަނި ފަލަވުމަކުންވެސް ނޫނެވެ. ހިކިނަމަވެސް އެކަން މެދުވެރިވާނީ އެއްގޮތަކަށެވެ. އެމީހަކު ހުރި ސިފައިގައި އެމީހަކު ދެކެ ލޯބިވާ މީހަކާއި ކައިވެނިކުރަން ބުނެވެނީ އެހެންވެގެންނެވެ. އެއަށްވުރެވެސް މުހިންމީ ހަށިގަނޑުގެ ސިފައަށް އަންނަ ބަދަލަކުން ފޫހިނުވާނެ މީހަކާއި ކައިވެނިކުރުމެވެ.  

މިކަންކަން ޤަބޫލުކުރާޙާލު މިކިޔައިދެނީ އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާތަކުގެ ވާހަކައެވެ.  

އަޅުގަނޑު ކިޔަވަން ސްކޫލްގައި އުޅުނު ދުވަސްވަރު އަޅުގަނޑަކީ އެންމެ ފަލަ އަދި ބަނޑުވެސް ފަލަ ކުދިންގެ ތެރެއިން ކުއްޖަކީމެވެ. ވީމާ އެކުގައި އުޅުނު ހުރިހާ އަންހެންކުދިންވެސް މަލާމާތްކުރުން ނޫންކަމެއް ނުކުރެއެވެ. ގިނަ ކުދިން ދެކޭގޮތުގައި ސިފަ ހުތުރުވުމަކީ އެކުވެރިކަންވެސް ބާއްވަންވާވަރުގެ ކަމެއް ނޫނެވެ.  

އެންމެ ބޮޑަށް އަސަރުކުރަނީ ސްކޫލުގައި ބާއްވާ ޙަރަކާތަކަށް ދިއަނަމަވެސް ކްލާހުގެ އަންހެންކުދިންވެސް އަޅުގަނޑާއި ދުރުހެލިވާތީއެވެ. އެފަދަ ވަގުތުތަކުގައި ވަރަށް ދެރަވެއެވެ. ނަމަވެސް ފަހުން އެކަންކަން ހަނދާނަކު ނުބަހައްޓަމެވެ. 

އަޅުގަނޑާއި އެކުގައި އުޅޭ އެހެން ކުއްޖަކުވެސް ވަރަށް ފަލައެވެ. އަޅުގަނޑަށް ކުރިމަތިވާ މައްސަލަތައް ކުރިމަތިވެއެވެ. އެހެންވެ ސްކޫލްގައި އުޅެމުން އޭނާ ހިކެން މަސައްކަތް ފަށައިފިއެވެ. ނަމަވެސް އަޅުގަނޑު ބޭނުންވީ އިތުރު އިމްތިޙާނެއްކޮށްލާފައި ހިކޭށެވެ.  

ސްކޫލް ނިމުމާއި އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތްކުރަންފެށީމެވެ. ނިދަނީ ދުވާލަކު ގިނަވެގެން 4 ވަރަކަށް ގަޑިއިރުއެވެ. 3 ތަނުގައި ވަޒީފާއަދާކުރަމެވެ. ނުނިމޭ މަސައްކަތް ގެއަށް ގެނެސް ގޭގައިވެސް މަސައްކަތްކުރަމެވެ. ނަތީޖާއެއްގެ ގޮތުން 2،3 އަހަރުވީއިރު އަޅުގަނޑުގެ އަތުގައި ފުދޭވަރަކަށް ފައިސާ ހުއްޓެވެ.  

ކޮއްކޮގެ ނަމުގައި ރެސްޓޯރަންޓެއް ކުއްޔަށް ހިފައި ހިންގަންފެށީމެވެ. އަންނަ ކަސްޓަމަރުން ބަލަނީ ތަނުގެ ވެރިމީހާގެ ބަރުދަނަކަށް ނޫނެވެ. ކާއެއްޗެތީގެ ރަހައަށެވެ. ދޭ ޚިދުމަތެވެ. ކާއެއްޗެތީގެ ރަހަ މީރުވެފައި ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުން ކަސްޓަމަރުން ލިބެއެވެ. އެކީގައި ކިޔެވިކުދިންވެސް އާދެއެވެ. އަޅުގަނޑު މަސައްކަތްކުރާގޮތުން އެކުދިންނަށް ހީވަނީ އަޅުގަނޑަކީ މުވައްޒިފެއް ކަމަށެވެ. ބައެއް ފަހަރު ތަބަށްވެސް އުފުލާތީއެވެ.  

ނަމަވެސް ޙަޤީޤަތް ސިއްރުކޮށްފައި މާގިނަ ދުވަހަކު ނުބޭއްވުނެވެ. އެއީ އަޅުގަނޑުގެ އަމިއްލަ މަސއްކަތެއްކަމާއި އަޅުގަނޑަށް ތަނަވަސްކަން ލިބިފައިވާކަން އެކުދިންނަށް އެނގިއްޖެއެވެ. އެހިސާބުން އަޅުގަނޑު ރީތިވެސްވެއްޖެއެވެ. ވާހަކަދައްކަން ކަމުދިއައީ އެކަންޏެއް ނޫނެވެ. އެކުގައި އުޅެމުން މަލާމާތްކުރި ފިރިހެންކުދިން ލޯބިވާކަމަށްބުނެ ކައިވެނިކުރަންވެސް ހުށަހަޅަން ފަށައިފިއެވެ.  

ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް ޖަވާބެއް ނުދެމެވެ. އަޅުގަނޑު ކައިވެނިކުރީ އަޅުގަނޑުގެ މުވައްޒިފުންގެ ތެރޭގައި ހުރި ވަރަށް އަމާނާތްތެރި، ތަޤްވާވެރި އަދި ވަރަށް ފަޤީރުކުއްޖަކާއެވެ. އެކުއްޖާއަކީ އަޅުގަނޑުގެ އަވަށްޓެރިއެކެވެ. ކިޔަވަން އުޅުނުއިރުވެސް އަޅުގަނޑު ރީތިވެގެން ފަހަތުން އުޅުނު ކުއްޖެއެވެ.  

ކައިވެނިކޮށް ކައިވެނީގެ ހަފްލާ ބޭއްވުމަށްފަހު އަޅުގަނޑުކުރަން ބޭނުންވި އިމްތިޙާން އެހިސާބުން ނިންމައިލީމެވެ. ކަސްރަތުކުރާ ސާމާނު ހޯދައިގެން ކަސްރަތުކުރަން ފެށީމެވެ. ހައަކަ މަސްތެރޭގައި އެނގުންވެސް ވެއްޖެއެވެ. މިޒަމާނުގެ ބަހުރުވައިންނަމަ ލޫޅާފަތިވެސް ވެއްޖެއެވެ.

މިއަދުނޫހުގައި ލިޔާ ޙަޤީޤީ ޙާދިސާތައް އަޅުގަނޑު ކިޔަމެވެ. އަނބިން ފަލަވުމުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަތައްވެސް ކިޔަމެވެ. އެހެންވެ މިއަދުނޫހުގެ އަހުލުވެރިންނަށް މިކިޔައިދިނީ ފަލަވުން އަޅުގަނޑަށް ތަޖުރިބާކުރެވުނު ގޮތެވެ. އަޅުގަނޑަށް ކުރިމަތިވި ކަންތައްތަކެވެ.  

އަނބިން މިއަދުވާންވީ ފިރިމީހާ އަތްދަމައިލީމާ އަތް ނުފޯރާ ހިސާބުގައި ހުރެވޭނެ ބައަކަށެވެ. ފިރިންގެ ދަށުނުވެ އުޅެވޭނެ ބައަކަށެވެ. އެބާރު ލިބިގެންފިނަމަ ފަލަވެގެން ހިމަވެގެން އެވާހައެއް ނުދައްކާނެއެވެ. މައިތިރިވެގެން ތިބޭނެއެވެ. ލޯބި ނުވިނަމަވެސް ލޯބިނުވާކަމަކަށްވެސް ނުބުނާނެއެވެ! މިއީ އަޅުގަނޑުގެ ތަޖުރިބާއިން އަޅުގަނޑަށް ވިސްނުނު ގޮތެވެ. އަޅުގަނޑު ޤަބޫލުކުރާގޮތެވެ.

 

- ނަރީމާން / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން