ތިމާދެކެ ލޯބިވާ ވަފާތެރި ބައިވެރިއަކު ލިބުމަކީ މިލިއަނަރަކަށްވެވުމަށްވުރެ މާބޮޑު އުފަލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ތިމާދެކެ ލޯބިވާ ވަފާތެރި ބައިވެރިއަކު ލިބުމަކީ މިލިއަނަރަކަށްވެވުމަށްވުރެ މާބޮޑު އުފަލެއް!

ކައިވެނިކުރާއިރު ބަލަންވީ ކަންކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެޙަދީޘްފުޅުގައިވެސް ތަޤްވާވެރިކަން އެބައޮތެވެ. ބައިވެރިޔާދެކެ ލޯބިވުމާއި ވަފާތެރިވުމަކީ ތަޤްވާވެރިންގެ ސިފަތަކެވެ. ވީމާ އަހުރެން މިދައްކާ ވާހަކަ ޙަދީޘްފުޅަށްވެސް ފެތެއެވެ. 

ތަނަވަސް މީހަކު ފަޤީރު އަންހެނަކަށް ބުންޏެވެ. "ފިރިމީހާގެ ގާތުން ވަރިވެގެން އަންނާށެވެ! އުފަލުގައި ގެންގުޅޭނަމެވެ. އެއްވެސް ކަމަކަށް ދަތިވިޔަކަނުދޭނަމެވެ. މަސައްކަތެއް ނުކުރުވާނަމެވެ. މަސައްކަތްކުރުވާނީ ނޯކަރުން ލައްވައެވެ. މިހާރު ތިއައުޅޭ ދިރިއުޅުމުން އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ."  

އޭނާގެ ޖަވާބަކީ ތަނަވަސްކަން ހުރިނަމަވެސް ދިރިއުޅުމުގެ އުފާވެރިކަން ލިބޭ ގޮތް ކަލެއަށް އަދި ތަޖުރިބާވެސް ނުކުރެވެއެވެ. އަތުގައި ފައިސާ މަދުވުމާއި މަސައްކަތްކުރަންޖެހުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. އަހުރެންގެ ފިރިމީހާ އަހުރެންގެ ހިތްފުރައިދެނީ ލޯތްބާއި އަޅައިލުމުންނެވެ. ބަލިވެއްޖެނަމަ ގާތުން ދުރަށްވެސް ނުދެއެވެ. ތިއަހާ ތަނަވަސް މީހުންނަށް އޮންނާނީ އަނބިމިހާއާއި ބައްދަލުކުރާނެ ވަޤުތުވެސް ނުވެފައެވެ. އަބަދު އުޅެންޖެހޭނީ ތަނަވަސްކަން އިތުރުކުރާށެވެ. އެއީ ތަނަވަސް މީހުންގެ ހިތް ދުވަހަކުވެސް ނުފުރޭނެތީއެވެ. ވީމާ އަހުރެންގެ ގާތުގައި ތިއަބާވަތުގެ ވާހަކަ ނުދައްކާށެވެ. އަހުރެންގެ ފިރިމީހާ އަހުރެންދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯބިދެއެވެ. ވަފާތެރިއެވެ. އެހެންވެ އަހުރެން މިހުންނަނީ ހިތްފުރިގެންނެވެ. ތިބާކަހަލަ މިލިއަނަރުންނަށްވުރެ މާއުފަލުގައެވެ.  

އޭނާ ދެއްކި އެވާހަކަކޮޅަށް އަހުރެން 100 ދޭނަމެވެ. އެއީ ޙަޤީޤަތްވީމައެވެ. ދެރައީ ގިނަ ބައަކަށް އެޙަޤީޤަތް ޤަބޫލުނުކުރެވޭކަމެވެ. ގިނަ ބައަކަށް އުފަލުގައި ނުއުޅެވެނީ އެޙަޤީޤަތް ޤަބޫލުނުކުރެވޭތީއެވެ.


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

މިއަދު އޮންލައިން