ގިނަ ކައިވެނިތަކެއް ރޫޅޭކަން އެންމެންނަށްވެސް އެނގެއެވެ. ތަފާތު ސަބަބުތައް މެދުވެރިވާކަންވެސް އެނގެއެވެ. އެއިގެ ތެރެއިން ފާހަގަމިކުރަނީ އެންމެ ގިނަ ކައިވެނި ރޫޅެން މެދުވެރިވާ މައްސަލައެވެ.
އެކަމަކީ އަނބިމީހާ ޢަމަލުކުރަންޖެހޭ ޤަވާއިދުތަކެއް ހަދައި ޢަމަލުކުރަން އަނބިމީހާއަށް ޖައްސުވާފައި ފިރިމީހާ ޢަމަލުކުރަންޖެހޭ އެއްވެސް ޤަވާޢިދެއް އޮތް ކަމަށް ޤަބޫލުނުކުރާތީއެވެ. ހަމައެކަނި ޤަވާޢިދެއްވެސް ނޫނެވެ. ތިމާއަށް އަދާކުރަންޖެހޭ ވާޖިބުތަކެއް އޮތްކަންވެސް ޤަބޫލުނުކުރާތީއެވެ.
މިހެން ބުނަންމިޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަނބިމީހާއަށް ކާންބޯންދީ އަންނައުނުދީ، ބޯހިޔާވަހިކަންދީ، ބަލިވުމުން ބޭސްފަރުވާ ކުރުމަކީ ފިރިމީހާގެ މައްޗަށް ހުރި އެންމެ އަސާސީ ވާޖިބުތަކުގެ ތެރެއިންވެސް ކުޑަމިންވަރެކެވެ. އެކަންވެސް ޤަބޫލުނުކުރެވޭ ފިރިން އެބައުޅެއެވެ.
މިހެން ބުނަންވީ އަނބިދަރިންނަށް ކުރަންޖެހޭ އަސާސީ ޚަރަދުތައް ނުކޮށް ތިމާގެ އަމިއްލަ އުފާތަކަށް ޚަރަދުކުރާތީއެވެ. އެކުވެރިންނަށާއި ހިލޭ އަންހެނުންނަށް ޚަރަދުތައްކުރާތީއެވެ. ގޭގެ ކުއްޔާއި ބިލްތައްވެސް ނުދައްކައި އެފަދަ ޚަރަދުތައް ކުރާތީއެވެ.
އެކުވެރިންނަށް ޚަރަދުކުރުމުގެ ޙުކުމް ޙަލާލެވެ. އެކަމަކު އަނބިދަރިންނަށް ޚަރަދުނުކޮށް އެކުވެރިންނަށް ޚަރަދުކުރާނަމަ އެކުރަނީ ހުއްދަ ގޮތުގައެއް ނޫނެވެ. ތިމާ ބޭނުންވާ އުފާޙާޞިލުކުރަން ހިލޭ އަންހެނުންނަށް ޚަރަދުކުރުމުގެ ޙުކުމަކީ ކަނޑައެޅިގެން ޙަރާމެވެ. އެއަށް ބަދަލެއް ނުގެނެވޭނެއެވެ.
އަނބިމީހާއަށް ޢަމަލުކުރަންޖެހޭނެ ޤަވާޢިދުތަކެއް ހެދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ތިމާ ޢަމަލުކުރަންޖެހޭ ޤަވާޢީދުތަކަށް ޢަމަލުކުރުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. ކައިވެނީގައި މައްސަލައެއް ނުޖެހި އުޅެވޭނީ އެއިރުންނެވެ.
އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. އަނބިމީހާ ދެރަކޮށްލުމުގެ ނިޔަތުގައި އަނބިމީހާގެ ސިފަ މާމުސްކުޅިވެއްޖެކަމަށް ބުނުންވެސް ހުއްދައެއް ނޫނެވެ. ފަލަވުން ފަދަ ކަންކަމަށްވެސް މަލާމާތްކުރަން ނުވަތަ އަނބިމީހާ ދެރަކުރަން ސިފަކިޔުން ހުއްދައެއް ނޫނެވެ. މިހުރީ ރަސޫލް ޞައްލަﷲ ޢަކލައިހިވަސައްލަމަ މަނާކުރައްވަވާފައިވާ ކަންކަމެވެ.
ހަމަ އެގޮތަށް އަނބިމީހާއާއިމެދު ހިތްހަމަނުޖެހޭއިރަށް ގެއަށް ނުގޮސް ހުރުންވެސް ހުއްދައެއް ނޫނެވެ. އޮތީ ޖެހުނު މައްސަލައަށް ދެމީހުން ވާހަކަދައްކައިގެން ޙައްލު ހޯދުމެވެ.
- މަޢުލޫމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން
- މިއަދުނޫސް