ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 19

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 19

ތުލައިހާގެ ޙިކުމަތްތެރި އުކުޅު

މުސްލިމުންގެ މަތިވެރި އަޚްލާޤާއި، ﷲ ގެ މަގުގައި (ނުވަތަ ޙައްޤުގައި) ހަނގުރާމަކުރުމަށް އެބައިމީހުންގެ ހިތްތަކުގައިވާ ވަރުގަދަ އެދުން، އަލްޤާދިސިއްޔާ ހަނގުރާމައިގެ ތެރޭގައި ހިނގި އެހެން ޙާދިސާއަކުން ހާމަވެގެންދިޔައެވެ. މި ޙާދިސާ ނިސްބަތްވަނީ އެއްފަހަރު އިސްލާމްދީން ޤަބޫލުކުރުމަށްފަހު މުރުތައްދުވި ތުލައިޙާ ބިން ޚުވައިލިދު އަލްއަސަދީއާއެވެ. އެކަލޭގެފާނަކީ މުރުތައްދުވުމަށްފަހު ނަބީކަމަށް ދަޢުވާކުރި މީހެކެވެ. ނަމަވެސް ފަހުން ތައުބާވެ، ޙަޤީޤީ މުއުމިނަކަށް ވެވަޑައިގަތްވެއެވެ. އެކަލޭގެފާނަކީ އިންތިހާއަށް ހިތްވަރުގަދަ ފަހުލަވާނެކެވެ.

ހަނގުރާމައިގެ ތިންވަނަ ދުވަހަކީ ހަނގުރާމަ ވަރުގަދަވެ، ރޭގަނޑާ ހަމައަށް ހަނގުރާމަ ކުރިއަށްދިޔަ ދުވަހެކެވެ. ކުއްލިއަކަށް ދުޝްމަނުންގެ ފަހަތުން ތުލައިޙާގެ ބާރުގަދަ އަޑުފުޅު ގުގުމައިލިއެވެ. އެކަލޭގެފާނުގެ އެކުވެރިންނަށް ގޮވައިލެއްވިއެވެ. [އަހަރެން މިހުރީއެވެ!] ލަޝްކަރުގެ ފަހަތުން މި އަޑު އިވުމުން އީރާނުގެ މީހުން ތިބީ އިންތިހާއަށް ބިރުގަނެފައެވެ. މުސްލިމުންނަށް ޙައިރާންކަން ލިބުނީ ތުލައިޙާ އީރާނުގެ ލަޝްކަރުގެ ފަހަތަށް ވަދެވުނު ގޮތެއް ނޭނގުމުންނެވެ. މިއީ ދެ ލަޝްކަރަށްވެސް ޙައިރާންކަން ލިބުނު ކަމެކެވެ. މި ކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި ވަގުތުކޮޅަކަށް ހަނގުރާމަ ހުއްޓައިލަން ޖެހުނެވެ.

ހަނގުރާމަ ހުއްޓުމުން މުސްލިމުން އެބައިމީހުންނަށް މަންފާވާނެހެން ޙާލަތު އަނބުރައިލައި، ސަފުތައް އަލުން އިންތިޒާމުކުރިއެވެ. އާ އުކުޅުތަކާއި ވިސްނުންތަކާއެކު ހަމަލާދޭން ތައްޔާރުވިއެވެ. އެ ދުވަހުގެ ހަނގުރާމަ ރޭގަނޑު ދަންވަންދެން ކުރިއަށްދިޔައެވެ. މިއީ ތުލައިޙާ ބޭނުންވި ގޮތެވެ. އެކަލޭގެފާނު ބޭނުންވީ މުސްލިމް ސިފައިންގެ ހިތްވަރު އާކުރުމަށެވެ. ދިފާޢީ ގޮތުން ދުޝްމަނުންނަކީ ބަލިކަށި ބައެއްކަމާއި، އެ މީހުންނާ ކުރިމަތިލުމަކީ އެހާ އުނދަގޫ ކަމެއް ނޫންކަން މުސްލިމް ސިފައިންނަށް އަންގައިދޭން އެކަލޭގެފާނު ބޭނުންވިއެވެ. ހަނގުރާމައަކީ އޭގައި އެތަކެއް އުކުޅުތަކަކާއި ޙީލަތްތަކެއް ހެދުމުގެ މައިދާނެކެވެ. ކޮންމެފަދަ އުކުޅެއްވެސް ބޭނުންކުރެވިދާނެ މައިދާނެކެވެ. ހަނގުރާމައެއް ކާމިޔާބުވަނީ ހަމައެކަނި ބާރުގެ ގޮތުންނެއް ނޫނެވެ. ދުޝްމަނުންގެ ހިތްވަރު އެލުވައިލައި، ސިކުނޑިން ކުރިހޯދައިގެންވެސްމެއެވެ. ދުޝްމަނުންގެ ލަޝްކަރުގެ އެންމެ ފަހަތަށް ވާޞިލުވެ، އެއްވެސް ގެއްލުމެއް ނުލިބި އެކަލޭގެފާނު އަނބުރާ އިސްލާމީ ލަޝްކަރުގެ ފޭލިގެއަށް ވަޑައިގަތުމުން ދުޝްމަނުންގެ ހިތްތަކަށް ހާސްކަމާއި ކަންބޮޑުވުން ވެރިވެގެންދިޔައެވެ. މިއީ މުސްލިމުންނަށް އެ ހަނގުރާމަ ކާމިޔާބުކޮށްދިނުމަށް ހިތްވަރުއާކޮށްދިން އެއް ކަމެވެ.

ހަނގުރާމައިގެ ތިންވަނަ ދުވަހު ހަނގުރާމަ ކުރިއަށްދިޔައިރު، ހިތްވަރުގަދަ އަދި ވާހަކަދެއްކުންތެރި އިސްލާމީ މުޖާހިދެއްކަމުގައިވާ ޤައިސް ބިން މަކްޝޫޙް އެކަލޭގެފާނުގެ އެކުވެރި ހަނގުރާމަވެރިންނާ މުޚާޠަބުކުރައްވައި، ޚަންދަޤު ހަނގުރާމައިގައި ﷲ ގެ ރަސޫލާ ދެއްވި ބަޝާރަތު ހަނދާންކޮށްދެއްވިއެވެ. ޤައިސްއަކީ ފަޞާޙާތްތެރި، ބަލާޣާތްތެރި ވާހަކަދެއްކުންތެރިއެކެވެ. ވާހަކަދެއްކުންތެރިންނަކީ ހަނގުރާމަތަކުގައި އެބައިމީހުންގެ ބަސްތަކުން ހަނގުރާމައިގެ ފޯރިގަދަކޮށްދޭ ބައެކެވެ. ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރެވޭ މިފަދަ ބަސްތަކާ ބެހޭގޮތުން ރަސޫލާ ވިދާޅުވެފައިވެއެވެ. [ހަމަކަށަވަރުން ވާހަކަދެއްކުމަކީ ޖާދޫގެ ވައްތަރެކެވެ.]

ޤައިސް ބިން މަކްޝޫޙް އެކަލޭގެފާނުގެ ގާތުގައިވާ މީހުންނަށް ވިދާޅުވިއެވެ. [އޭ ޢަރަބީންނޭވެ! އިސްލާމްދީނުން ތިޔަބައިމީހުންނަށް ﷲ ތަޢާލާ ވަނީ ނިޢުމަތް ދެއްވާފައެވެ. ރަސޫލަކު ކަމުގައި މުޙައްމަދުގެފާނު ފޮނުއްވުމުން އެކަލާނގެ ތިޔަބައިމީހުން ޝަރަފުވެރިކޮށްދެއްވިއެވެ. ސިންގާތަކެއް ފަދައިން އެކަކު އަނެކަކަށް ހަމަލާދީ، ވަލު ޖަނަވާރުތަކެއް ފަދައިން އަނިޔާވެރިކަމާއެކު އެކަކު އަނެކަކަށް ހަމަލާދެމުން ދަނިކޮށް، ﷲ ގެ ރަޙްމަތުން ތިޔަބައިމީހުން އަޚުންނަށް ވެއްޖެއެވެ.] އެކަލޭގެފާނު ރަސޫލާގެ ބަޝާރަތު ހަނދާންކޮށްދެއްވަމުން ވިދާޅުވިއެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ﷲ ގެ ދީނަށް ތިޔަބައިމީހުން ވާގިވެރިވާށެވެ. އޭރުން ﷲ ތިޔަބައިމީހުންނަށް އެހީތެރިވެވޮޑިގަންނަވާނެއެވެ.] ޤައިސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. [އެކަލާނގެވަނީ ތިޔަބައިމީހުންނަށް ވަޢުދުވެވޮޑިގެންނެވި ފަދައިން ޝާމުކަރައިގެ ގަނޑުވަރުތަކާއި ކިއްލާތައް ފަތަޙަކޮށްދެއްވައިފައެވެ. އީރާނުގެ މައްޗަށް ފަތަޙަ ދެއްވާނެކަމުގެ ބަޝާރަތުވެސް އިސާހިތަކު ފުއްދަވައިދެއްވާނެއެވެ.]

ޤައިސްގެ ވާހަކަފުޅު އަޑުއެހުމަށްފަހު މުސްލިމް މުޖާހިދުންގެ ހިތްވަރު އާވެ، ރޫޙު ތާޒާވެގެންދިޔައެވެ.

އެ ރޭ ހަނގުރާމައިގެ އެއްވެސް ޙަރަކާތެއް ކުރިއަކަށް ނުދެއެވެ. ދެ ލަޝްކަރުގެ ސިފައިންވެސް ތިބީ ވަރުބަލިވެފައެވެ. އެބައިމީހުން އަރާމުކުރުމަށްޓަކައި ފޭލިގެތަކަށް ދިޔައެވެ. ނަމަވެސް އިސްލާމީ ލަޝްކަރުގެ އެކަކު ފޭލިގޭގައި އަރާމުކުރުމުން އެއްކިބާވެވަޑައިގެން އިންނެވިއެވެ. އެއީ ނަން މަޝްހޫރު ޖެނެރަލް ޤަޢުޤާޢު ބިން ޢަމްރޫ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު ވިސްނައި ފިކުރުކުރައްވަމުން ގެންދެވީ މޮޅު ޢަސްކަރީ ޕްލޭނެއް އެކުލަވައިލުމަށެވެ. އީރާނުގެ ލަޝްކަރާ އަޅާބަލާއިރު މުސްލިމުންގެ ލަޝްކަރުގެ މީސްތަކުންގެ އަދަދު މަދުކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އެހެންކަމުން ލަޝްކަރުގެ މީސްތަކުންގެ ރޫޙު އާކޮށް ޖޯޝް ގެނައުމަށް ވަނީ ބޭނުންވެފައެވެ. ވަރަށް ގިނައިރު ވިސްނަވައި ފިކުރުކުރެއްވުމަށްފަހު، ޤަޢުޤާޢުއަށް ނިންމެވުމަކާ ހަމައަށް ވަޑައިގެންނެވިއްޖެއެވެ.

- ނުނިމޭ -

މިއަދު އޮންލައިން