ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ. ޑރ. ޝާހު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި މައުލޫމާތެއްގައެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނީ ރާއްޖެއަށް ބޭނުންވާ ބޭހުގެ މައުލޫމާތު ކުރިއާލާ ދެނެގަނެވިގެން ކަމަށް ޑރ. ޝާހު ފާހަގަކުރެއްވިއެވެ. މި މަސައްކަތަށް ބޭނުންވާ އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް ސިސްޓަމަކާއި، އީ-ލޮޖިސްޓިކްސް ސިސްޓަމެއް ޤާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު ނިޒާމުގެ ސަބަބުން ރާއްޖޭގައި ބޭހުގެ ސްޓޮކް ހުރި އަދަދު ދެނެގަނެވޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް އަހަރު ރާއްޖެއަށް ބޭނުންވާނެ ކަމަށް ލަފާކުރެވޭ އަދަދަށް، ފެންވަރު ރަނގަޅު ބޭސް އެތެރެކޮށް، ކޮންމެ ރައްޔިތަކަށްވެސް ބޭސް މެދުނުކެނޑި ލިބޭނެކަން ކަށަވަރު ކުރެވޭނެ ކަމަށް ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.
ޚާއްސަކޮށް ކުދި އާބާދީތަކުގައި ބަލިތަކަށް ބޭސްކުރާ މީހުންގެ އަދަދު ދެނެގަނެވުމުން، އެ ރަށްރަށުގައި ބޭސް ސްޓޮކް ކުރުމަށް ފަސޭހަވާނެ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. "ކުދި އާބާދީގައި ޚާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތަށް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ. އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި،" އޭނާ ވިދާޅުވިއެވެ.
މި އިލެކްޓްރޯނިކް ސިސްޓަމް ފުރިހަމައަށް ޤާއިމުވެގެން ދިއުމުން، ބޭނުންވާ އަދަދުތައް ދިމާކޮށް، އެކި ސަރަހައްދުތަކަށް ބޭނުންވާ ބޭސްތައް ދަތިކަމެއް ނެތި ފޯރުކޮށްދެވޭނެ ކަމަށް ސްޓޭޓް ފާމަސޫޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނުން އުންމީދު ކުރެއެވެ.