ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ދެންފަށާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތް ދެންފަށާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް!

މާލޭގެ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ 'ޕަލްސް ޕޮޓްކާސްޓް' ގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލޭގެ ބޭރު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިންވެސް ނިންމަވާފައިވާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ކުރިއަށްދާ ބައި ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މަގުގެ މަސައްކަތް މި ނިމެނީ. ދެން މި ބައި ނިމުނީމައި އެމްޕީއެލުން ފެށިގެންގޮސް ރަސްފަންނާ ހިސާބަަށް ތަރައްޤީކުރާނީ. އެއީ ހަގީގަތުގައި އެންމެ ބޮަޑަށް ގާތަށް މުގުރިފަ އަދި ހަލާކުވެފައި އޮތް ސަރަހައްދު މި ސަރަހައްދަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި މަސައްކަތް ނިމުމުން ބާޒާރު ސަރަހައްދަށާއި ވިޔަފާރިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގެ އެތެރޭގެ މަގުތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށްވެސް މީގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ތަރައްޤީކުރުމުން މުޅި މާލޭގެ ޓްރެފިކަށް ބޮޑު ބަދަލެއް އަންނާނެކަން ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ބާޒާރުމަތީގެ ސަރަހައްދާއި މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ދަތުރުފަތުރު ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން