13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތައް ހޯދަން ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތައް ހޯދަން ހުޅުވާލައިފި

ރާއްޖޭގެ 13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި މަޝްރޫޢަކީ ގްރޭޓަރ މާލެ ސަރަހައްދުން ބޭރުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ސަރުކާރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮތީ 100 އިންސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެކަންޏެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ދަށުން، އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް އެޅުނު ފިޔަވަޅެކެވެ.

މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން "ބިލްޑް-އެންޑް-ސެލް" މޮޑެލްގެ ދަށުންނެވެ. މިގޮތުން މަޝްރޫއަށް ފައިސާ ހޯދުމާއި، ކުރެހުން ތައްޔާރުކުރުމާއި، އިމާރާތްކުރުމުގެ ހުރިހާ ޒިންމާއެއް އުފުލަންޖެހޭނީ ޑިވެލޮޕަރުންނެވެ. ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެއެވެ.

މި މަޝްރޫއުގެ ދަށުން ތަރައްޤީ ކުރާނީ މަދުވެގެން 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މި އިމާރާތްތަކުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި، ވިޔަފާރީގެ ބޭނުންތަކަށް ޚާއްޞަ ޖާގަތައް ހިމަނަންޖެހެއެވެ. ކޮންމެ ޕެކޭޖެއްގެ މަދުވެގެން 60 އިންސައްތަ ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައެވެ. އަދި އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ގިނަ ޔުނިޓްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ޅ. ނައިފަރުގައެވެ. މީގެ އިތުރުން ހއ. ހޯރަފުށި، ރ. އުނގޫފާރު، ބ. ތުޅާދޫ، މ. މުލި، ދ. މީދޫ އަދި ލ. ގަން މި މަޝްރޫޢުގައި ހިމެނެއެވެ. ޑިވެލޮޕަރުންނަށް އެއް މަޝްރޫއަށްވުރެ ގިނަ މަޝްރޫއުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން