ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަސްޓަމްސް ޑިޖިޓަލައިޒް ކުރެވި ބޯޑަރުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަސްޓަމްސް ޑިޖިޓަލައިޒް ކުރެވި ބޯޑަރުތައް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރެވިގެންދާނެ: ވަޒީރު

ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރެވި، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ.

ވަޒީރުގެ މެސެޖުގައި ކަސްޓަމްސްއިން ކުރަމުންދަނީ ގައުމީ ސަލާމަތާ ގުޅޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމުގައި އެ މުއައްސަސާގެ ދައުރު ބޮޑުކަން ބަޔާންކުރެއްވިއެވެ. އަދި ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ކަސްޓަމްސްގެ މުވައްޒަފުން ވަރަށް އިހުލާސްތެރިކަމާއެކު އަދާކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ދައުރުގައި ބޯޑަރުން މަސްތުވާތަކެއްޗާއި ގާނޫނީ ގޮތުން މަނާކޮށްފައިވާ ތަކެތި އަތުލައިގަތުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "މި ސަރުކާރު އައި ފަހުން ދިވެހިރާއްޖޭގެ ބޯޑަރުން ޑްރަގްސް އަތުލުމާއި ގާނޫނީ ގޮތުން މަނާކޮށްފައިވާ ރައްޔިތުންގެ ގެއްލުންދެނެވި ވޭޕްފަދަ ތަކެތި މަނާކޮށްފައިވާ ހިދުގައި އެ އެއްޗިހިތައް ބޯޑަރުން އަތުލައިގަތުމުގައި ވަރަށް ފުރިހަމަ ކާމިޔާބީތަކެއް މިދިޔަ ދެ އަހަރާއި ބައިގައި ދިވެހިރާއްޖޭގެ ސަރުކާރުގެ ގައިޑެންސްއާއިއެކުގައި ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފުރިހަމައަށް މަސައްކަތް ތަންފީޒުކޮށްފައި،" ކަމަށެވެ.

ކުރިމަގުގައި ކަސްޓަމްސްގެ ހިދުމަތްތައް ބައްޓަންކުރުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މަސައްކަތްތައް މިހާރަށްވުރެ ފަސޭހަކޮށް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ރާއްޖޭގެ ބޯޑަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަސްޓަމްސްއިން އިތުރަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން