5 ކުންފުންޏަކާ ހަވާލުކުރި 1000 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
5 ކުންފުންޏަކާ ހަވާލުކުރި 1000 ހައުސިން ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް: ވަޒީރު

ސަރުކާރުގެ އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްޤީކުރާ 1,000 ހައުސިންގ ޔުނިޓް ޚާއްސަ ކުރާނީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި ފަސް ކުންފުންޏަކާ މި މަޝްރޫޢު ހަވާލުކުރުމާ ގުޅިގެން އެމަނިކުފާނުގެ ލިންކްޑިންގ އެކައުންޓުގައި ޝާއިޢު ކުރެއްވި ލިޔުމެއްގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ޔުނިޓްތައް އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް ޚާއްސަކުރުމުގެ މައިގަނޑު މަޤްޞަދަކީ މި ތަންތަން އިންވެސްޓްމަންޓް އެސެޓެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓުވުމެވެ. އަދި އަމިއްލައަށް ލޯނު ނަގައިގެން ގެދޮރު ގަނެވޭނެ ފެންވަރު ހުރި އާއިލާތަކުން ވެސް މާކެޓުގައި އަގުހެޔޮ ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ސޯޝަލް ހައުސިން ކިއޫގައި މަޑުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "އަތްފޯރާފަށުގެ ކޮންމެ ޔުނިޓެއް ވިއްކުމުން ދެ ކަމެއް ހާސިލުވޭ. އެއީ އެއް އާއިލާއަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބުމާއި، ދައުލަތުގެ ސީދާ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އޮތް ސޯޝަލް ހައުސިންގ ކިއޫ ކުޑަވެގެންދިއުން،" ކަމަށެވެ.

މި މަޝްރޫޢު ދިވެހި ކުންފުނިތަކާ ހަވާލުކުރުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ކުންފުނިތަކުގެ ޤާބިލުކަން އިތުރުކޮށް، ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ތަޖުރިބާ ހޯދައިދިނުމެވެ. ނަމަވެސް ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް ބޮޑުކަމުން، ކުރިއަށް އޮތްތަނުގައި ބޭރުގެ ކުންފުނިތަކުގެ ބައިވެރިވުން ވެސް ބޭނުންވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. މުއްޠަލިބު އިތުރަށް ވިދާޅުވީ، މިއީ ސަރުކާރުގެ އެހީތެރިކަމާއެކު އަމިއްލަ ކުންފުނިތަކުން މަސައްކަތް ނިންމުމަށްފަހު އާއިލާތަކަށް އަމިއްލަ މިލްކުވެރިކަން ހޯދައިދިނުމަށް އެކުލަވާލާފައިވާ އައު ނިޒާމެއްގެ ފެށުން ކަމަށެވެ. މި މަޝްރޫޢުގެ ސަބަބުން ގެދޮރުވެރިކަމުގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން