ބަންގްލަދޭޝް ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ބަންގްލަދޭޝް ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެ

ހުޅުމާލޭގައި ހިންގާ "ޚާންޖީ" ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝް ވެއިޓަރަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި، އެ ތަނުގެ ކައްކާ، ޕާކިސްތާނުގެ މުޙައްމަދު އާބިދުގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަޙްމަދު ޝާފިޢު ވިދާޅުވީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާބިދުގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ރެސްޓޯރެންޓް ތެރޭގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ.

މި ދައުވާއަށް އާބިދު އިންކާރުކޮށް، ޝަރީއަތުގައި ބުނެފައިވަނީ ވެއިޓަރަށް ހަމަލާދެވުނީ އަމިއްލަ ނަފުސު ދިފާއުކުރަން އަތް ހޫރާލި ވަގުތު ކަމަށާއި، އޭރު އަތުގައި ވަޅިއެއް އޮތްކަން ނޭނގޭ ކަމަށެވެ. ނަމަވެސް، އޭނާގެ ފަރާތުން ދިފާއީ އެއްވެސް ހެކިއެއް ހުށަހަޅާފައެއް ނުވެއެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ރިއާޔަތްކުރައްވައި ގާޒީ ފާހަގަކުރެއްވީ، އާބިދު ރުޅިވެރިކަމާއެކު ވަޅިން ހަމަލާދިންކަން ހެކިބަހުން އެނގޭ ކަމަށެވެ. އަދި އޭނާ ކުރި އަމަލަކީ މީހެއްގެ ފުރާނަ ދިއުމުގެ ފުރުސަތު އޮތް ކަމެއްކަން ޝަރީއަތަށް ސާބިތުވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ހެކިބަސް ދިން މުވައްޒަފުން ބުނި ގޮތުގައި މި ދެ މީހުންގެ މެދުގައި މީގެ ކުރިންވެސް ތަފާތު ދެބަސްވުންތައް ހިނގާފައިވެއެވެ.

މި ހާދިސާގައި އާބިދު ވަނީ ވެއިޓަރުގެ ހަށިގަނޑުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައެވެ. މި މައްސަލައިގައި ކުށް ސާބިތުވި އާބިދުގެ މައްޗަށް އަދަބު ކަނޑައެޅުމުގެ މަޖިލިސް ކުރިއަށްދާނީ، މަރުވި ވެއިޓަރުގެ ވާރިސުންގެ ބަސް ހޯދުމަށް ފަހުގައެވެ.

މިއަދު އޮންލައިން