ފަލަސްޠީނުގެ ބިންތައް ހިފުމަށްޓަކައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވަނީ މިޞްރުގެ ކައިރޯގައި މިއަދު ބޭއްވި "2026 ކޮންފަރެންސް އޮން ދަ ކުއެއްޝަން އޮފް ޖެރޫސަލަމް" ގައެވެ.
ޔޫނައިޓެޑް ނޭޝަންސް ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީ.އީ.އައި.އާރް.ޕީ.ޕީ.) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގުޅިގެން ބޭއްވި މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވީ އޯ.އައި.ސީ. އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ސައޫދީ އަރަބިއްޔާގެ ސަފީރު އަޙްމަދު ސަރީރުއެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ އިސްރާއީލުގެ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލަތަށް އަލިއަޅުވާލައްވާފައެވެ. އަދި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ޚިލާފަށް ހިންގާ ބިން ފޭރުމުގެ އަމަލުތައް ކުށްވެރިކޮށް، އެކަންކަން ވަގުތުން ހުއްޓާލުމަށް ބާރުއަޅުއްވާފައިވެއެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދޭ އޭޖެންސީ (އަންރުވާ) އިން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކޮށް، އެ އެޖެންސީއަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ތަޤްރީރުގައި ބަޔާންކޮށްފައިވަނީ ޤުދުސްގެ މުގައްދަސް ބިންތަކުގެ ތާރީޚީ އަދި ދީނީ ހައިސިއްޔަތު ހިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު ނިމުމަކަށް ގެނެސްގެން ކަމަށެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާ ގޮތަށް، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހިމެނޭ މިނިވަން ދައުލަތެއް ގާއިމުކުރުމުގެ މުހިންމުކަން މި ކޮންފަރެންސްގައިވެސް ވަނީ ތަކުރާރުކޮށްފައެވެ.
ސީ.އީ.އައި.އާރް.ޕީ.ޕީ. އަކީ 1975 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން އުފެއްދި ކޮމިޓީއެކެވެ. ފަލަސްޠީނުގެ ހައްޤުގައި އަޑުއުފުލާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ދަނީ މިފަދަ ބައިނަލްއަޤްވާމީ ހުރިހާ މަންސަަތަކެއްގައި ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ވަކާލާތުކުރަމުންނެވެ.