އެއީ އަވަށްޓެރިންގެ ތެރެއިން އަހުރެންނަށް އެންމެ ރީތި، އެންމެ ގަޔާވާ އަންހެނާއެވެ. އަނބިމީހާ ދެދަރިން ގޮވައިގެން ޗުއްޓީއަކަށް އޭނާގެ މައިންބަފައިންގެ ގާތަށް ދިއުމުން ގޭގައި ހުރީ އެކަންޏެވެ. އެކަން އެނގިގެން އެއްރޭ އޭނާ ގެއަށް އައެވެ. ވާހަކަދައްކަން އެތައް އިރަކު އިނެވެ.
ނުސީދާކޮށް އަހުރެންނަށް ފުރުޞަތުވެސް ދިނެވެ. ގޭގައި ތިއައުޅެނީ އެކަނިކަން ވަރަށް ގިނަ ފަހަރު ހަނދާންކޮށްދިނެވެ. އެބުނާ އެއްޗެއްގެ މާނަވެސް ވިސްނުނެވެ. ނަމަވެސް އަހުރެންގެ ހިތަށް ވަނީ ބިރުވެރިކަމެވެ. ވިސްނުނީ އެންމެންނަށް ސިއްރުކުރެވުނަސް ﷲ ތަޢާލާގެ ޙަޟްރަތަށް ސިއްރުނުކުރެވޭނެ ކަމެވެ. މަލާއިކަތުން ބައްލަވަން ތިއްބަވާނެ ކަމެވެ.
އެމީހާގެ ޢަމަލުން އެންމެ ބޮޑަށް ފާހަގަކުރަންޖެހެނީ އޭނާ އެންމެ ހިތްކިޔާ، އެންމެ ގަޔާވާ އަންހެންމީހާއާއެކު އުފާކޮށްލަން ލިބުނު ދަޢުވަތު އޭނާ ޤަބޫލުނުކޮށް ﷲ ތަޢާލާއަށް ބިރުވެތިވުމުން އޭނާއަށް ލިބުނު ބޮޑު ނިޢުމަތެވެ. އެއީ ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަމެވެ. މިއީ ދުނިޔޭގައި ތިބި ހުރިހާ އަންހެނުންނާއިއެކު ގުޅުން ހިންގަންލިބުމަށްވުރެވެސް މާމަތިވެރިކަން ބޮޑު ނިޢުމަތެކެވެ. ޢަރުޝީގެ ހިޔާވަހިކަން ލިބިއްޖެ މީހަކު ވާހުށީ ސުވަރުގޭގައިކަމަށްވާތީއެވެ.
މިއަދު މަދުވެގެން މިއުޅެނީ މިވިސްނުމުގެ މީހުންނެވެ. ފާފަތައް ކުރެވެނީ އެވިސްނުމުން ނުވިސްނޭތީއެވެ. ވިސްނަން ބޭނުންވާނަމަ ފުރަތަމަ ކަމަކަށްވެސް މިއާޔަތަށް ވިސްނައިލާށެވެ!
"އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." (އަލްއަންޢާމް: 59)
އެއްބައަކަށް ވިސްނެނީ ހޮޓަލުގެ ލިފްޓުން ދެމީހުން ވަކިން އެރީމާ ކޮޓަރިއަށް ގޮސް ކުރި ފާފަތައް ސިއްރުކުރެވުނީ ކަމަށެވެ. ދަތުރަކު ގޮސް އެކަހެރިވެލައިގެން ކުރާނަމަ ފާފަތައް ސިއްރުކުރެވޭނެ ކަމަށެވެ. މިނޫންވެސް ގޮތަކުން ތިމާމެންކުރާ ފާފަތައް ސިއްރުކުރެވޭނެ ކަމަށެވެ.
ހަމައެއާއިއެކު ބައެއް މީހުން އެމީހުންގެ ފުދުންތެރިކަން ހުރިނަމަ ސެކިޔުރިޓީން ބައިތިއްބައެވެ. އެނޫންވެސް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ތިބެ ފާފަތައް ކުރެއެވެ. އެފަދަ މީހުން "އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ." މިއޮތް ބަސްފުޅަށް ވިސްނައިލާށެވެ!
ދެން ފާލުބަލައި ރަމަލުޖަހާ މީހުންގެ އެހީތެރިކަން ހޯދާ މީހުން ވިސްނައިލަންވީ "އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ." އޮތް ބަސްފުޅަށް ވިސްނައިލާށެވެ!
މީސްތަކުންނޭވެ! ދުނިޔޭގައި މީސްތަކުންގެ ލޯތަކަށް ކަންކަން ސިއްރުވެސް ކުރެވިދާނެއެވެ! އެއީވެސް ﷲ ތަޢާލާ އިރާދަކުރައްވަވައިފިނަމައެވެ. ﷲ ތަޢާލާ ފައުޅުކުރައްވަވައިފިނަމަ ސިއްރުކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެއްވެސް މީހަކަށް ޝައްކުވެސް ނުކުރެވޭނެހައި ގޮތްގޮތަށް ވިސްނައިގެން ސިއްރުން ކުރާ ކަންކަން ހާމަވެ ފަޟީޙަތްވަނީ މަދުންހެއްޔެވެ؟
ވިސްނާށެވެ! މަރުވެ ކައްވަޅުގައި ވަޅުލެވޭއިރަށް ތިބާ ދުނިޔޭގައި ސިއްރުންކުރި ފާފަތައް ތިބާ އާއި ބައްދަލުކުރާނެއެވެ! ބިރުވެރި ހަޑިމުޑުދާރު މަޚްލޫޤެއްގެ ސިފައިގައި ކަމަށްވެސް ބުނެވެއެވެ. ހުއްޓުވޭނެ ސެކިޔުރިޓީންނެއްވެސް އެއިރަކު ނުތިބޭނެއެވެ! ކަރަންޓްދީ ތަޅުލައި ހުރަސް އެޅޭނެ ގޭޓެއްވެސް ނުހުންނާނެއެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން