ކާން އަތްދޮވުމަށްވުރެ މުހިންމީ އަތް ޠޯހިރުކުރުން! ދެމަފިރިންގެ އަތް ޠޯހިރު ކުރެވިއްޖެނަމަ ބޭނުންވާވަރަށްވުރެ އިތުރަށްވެސް އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކާން އަތްދޮވުމަށްވުރެ މުހިންމީ އަތް ޠޯހިރުކުރުން! ދެމަފިރިންގެ އަތް ޠޯހިރު ކުރެވިއްޖެނަމަ ބޭނުންވާވަރަށްވުރެ އިތުރަށްވެސް އުފާވެރިކަން ދެއްވަވާނެ! އިން ޝާ ﷲ

ބައެއް މީހުން ކާންވުމުން ވަރަށް ރަނގަޅަށް އަތްދޮވެއެވެ. އަތްދޮންނަން އެންމެ އަގު ބޮޑު ކެމިކަލް ހުންނަ ތަކެތި ބޭނުންވެސް ކުރެއެވެ. ސުވާލަކީ ފާފަތައް ކުރުމުން އަތްދޮވެލައި އަތް ޠޯހިރުނުކުރާނަމަ އެއަތް ޠޯހިރުވާނީ ކިހިނަކުން ހެއްޔެވެ؟  

ދެން މިދައްކަނީ ކުރާ މަސައްކަތްކުރިނާރާ ވާހަކައެވެ. ފައިދާނުވާ ވާހަކައެވެ. ގެއްލުންވާ ވާހަކައެވެ. ދިރިއުޅުމުގައި އުފާވެރިކަން ނުލިބޭ ވާހަކައެވެ. ތިބާގެ ދެއަތް ޠޯހިރުނުކޮށްހުރެ އެދެއަތުން ކުރާ ކަންކަމުގައި ބަރަކާތް ލެއްވެވުމަށް އެދުމަކީވެސް ކުރެވޭ މޮޔަކަމަކަށް ނުވާނީ ކީއްވެގެންހެއްޔެވެ؟

ނިކަން ގޮތްބަލައިލަންވެސް ދެމަފިރިންގެ އަތްތައް ފާފަކުރުމުން ޠޯހިރުކޮށްބަލާށެވެ! ދިރިއުޅުމަށް ލިބޭ ކުރިއެރުން އެއިރުން ފެނިގެންދާނެއެވެ. ދެމަފިރިންނަކީ ފާފަނުކުރާ ދެމަފިރިން ކަމުގައި ވެއްޖެނަމަ، އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުތައްކުރާ މީހުން ކަމުގައިވެއްޖެނަމަ ފުނިފުންޏަށް ފައިސާ ޖަމާނުކުރެވުނަސް ފުނިފުންޏަށް އުފާވެރިކަން މިންވަރުކުރައްވަވާނެއެވެ. އިން ޝާ ﷲ  

އުފާވެރިކަމަކީ ޖަމާކުރެވޭ ފައިސާފުނިތަކަކުން ޙާޞިލުކުރެވޭ ކަމެއްނަމަ ދުނިޔޭގައި ތިބި އެންމެ ބޮޑެތި ބިލިއަނަރުންނަށް އުފާވެރިކަން ނުލިބިގެން އެއުޅެނީ ކީއްވެގެންހެއްޔެވެ؟ އަދި އަތުގައި ފައިސާ ނެތި ނުވަތަ ފައިސާ މަދުވެގެން އުފާވެރިކަން ނުލިބޭނެނަމަ އެންމެ ފަޤީރު ޙާލުގައި އުޅޭ މީހުންނަށް އެހައި އުފަލުގައި އެއުޅެވެނީ ކީއްވެގެން ހެއްޔެވެ؟  

ދުނިޔޭގެ ޤައުމުތަކަށް ބަލިނަމަވެސް އަދި އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކަށް ބެލިނަމަވެސް އަބަދުހެން އުޅެންޖެހިފައި މިވަނީ ކޮންމެވެސް ޒާތެއްގެ ބޮޑެތި ބަލިތައް ފެތުރޭތީއެވެ. އެހެންވެ އެހެންވެ ބަލިތަކުން ސަލާމަތްވެތިބުމާއި ބެހޭގޮތުން ކޮވިޑުގެ ދުވަސްވަރުގައި އަހުރެން ބުނެފައިވާނެ ބަހެއް މިރޭވެސް ތަކުރާރުކޮށްލާނަމެވެ.

ބަލިތަކުން ސަލާމަތްވުމަށް ސައިބޯންޏާއި އެންޓިސެޕްޓިކް ލައިގެން އަތް ދޮވުމަކީ އިސްލާމް ދީނުގައި ކުރަން އޮތް ކަމެކެވެ. ބައކަށް މިއަދު މިކަންކަމުގެ މުހިންމުކަން އެނގުނު ނަމަވެސް އިސްލާމް ދީން ވަނީ މީގެ 1450 ވަރަކަށް އަހަރުކުރިން މިކަންކަން ބަޔާންކޮށްދީފައެވެ.  

ވިސްނައިލަންވީ ހަމައެކަނި އެންޓިސެޕްޓިކް ލައިގެން އަތްދޮވުމަކުން މައްސަލަ ހައްލުނުވާނެ ކަމެވެ. ފުރަތަމަ ކަމަކަށްވެސް ކުރަން އޮތް ކަމަކީ ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓާލައި ފާފަތައް ކުރުމުން އަތްދޮވެލަންވީ ކަމެވެ. މިއީ ފެންނަމުންދާ ކަންކަމުން ޢިބްރަތް ޙާޞިލުކޮށް އެކަމަށް ވަރަށް އެކަށީގެންވާ ވަގުތެކެވެ!  

ފުރަތަމަ ކަމަކަށްވެސް ކަރަންޓީނު ކުރަންވީ މީހުންނެއް ނޫނެވެ. ފާފަކުރުމެވެ. އެއިރުން ބަލިތައްވެސް ކަރަންޓީނުވާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން