ﷲ ތަޢާލާ ދެއްވަވާފައިވާ ޙިއްޞުތަކުގެ ބޭނުން ހިފެމުން އަންނަނީ ޖަވާބުދާރީވެވޭނެ ގޮތަށް ކަމަށް ނުވެދާނެތީ ބިރުވެތިވާންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ﷲ ތަޢާލާ ދެއްވަވާފައިވާ ޙިއްޞުތަކުގެ ބޭނުން ހިފެމުން އަންނަނީ ޖަވާބުދާރީވެވޭނެ ގޮތަށް ކަމަށް ނުވެދާނެތީ ބިރުވެތިވާންޖެހޭ!

އަހުރެމެން އެންމެންނަކީވެސް ﷲ ތަޢާލާގެ އަޅުންނެވެ. އަހުރެމެން އިންސާނުންނަކީ ﷲ ތަޢާލާ އެންމެ މަތިވެރި ޢިއްޒަތް ދެއްވެވި މަޚްލޫޤުންނެވެ. އަހަރެމެންގެ މުޅި ހަށިގަނޑަކީވެސް ﷲ ތަޢާލާގެ މިލްކެކެވެ. އެހަށިގަނޑުގައި ޙިއްޞުތައް ލެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ!  

މިއާޔަތަށް ނިކަން ވިސްނައިލަބަލާށެވެ!  

"އެކަލާނގެއީ، ތިއަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިއަބައިމީހުން ޝުކުރު ކުރަނީ، ވަރަށްވެސް މަދުންނެވެ."

(އަލްމުއްމިނޫން: 78) 

އިވުމާއި، ފެނުމާއި، ހިތްތައް ދެއްވެވީ ﷲ ތަޢާލާކަން ބަޔާން ކުރައްވަވާފައި އޮތުމުން އެއީ ކޮންމެ މުސްލިމަކުވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެކެވެ. އަހަރެމެންނަށް ފެނުން ދެއްވެވީ ހަމައެކަނި އަހަރެމެންނަށް ފައިދާކުރާނެ ތަންތަން ބަލާކަށް ނޫނެވެ. އިވުން ދެއްވެވީ ވެސް ހަމައެކަނި އަހަރެމެންނަށް ފައިދާހުރި އަޑުތައް އަހާކަށް ނޫނެވެ. އަދި ހިތް ދެއްވެވީ ވެސް ހަމައެކަނި އެމިހާއަށް އުފާވެރިކަން ލިބިގަންނާކަށް ނޫނެވެ.  

ކޮންމެ މީހަކުވެސް އެމީހަކަށް ފައިދާ ކުރާނެ ކަންކަމަށް ވިސްނާނެއެވެ. އުފާވެރިކަން ލިބިގަންނަން މަސައްކަތްވެސް ކުރާނެއެވެ. ނަމަވެސް ހަމަ އަހަރެމެން ފަދަ އެހެން މުސްލިމުންގެ ރުއިމުގެ އަޑުވެސް އަހަންވާނެއެވެ! ޢާއިލާގެ މީހުންނަށާއި އަވަށްޓެރިންނަށް ކުރިމަތިވެފައިވާ މުޞީބާތްތައްވެސް ފެންނަން ވާނެއެވެ! އަދި އެކަންކަމުން ތިމާގެ ހިތަށްވެސް އަސަރު ކުރަން ޖެހޭނެއެވެ!  

ވީމާ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވެ ހިތްދަތިކަމާއި ދަތިޙާލުގައިވާ މީހުންނަށް އެމީހެއްގެ ފެންވަރުން އެހީތެރިވެދޭށެވެ! ހެޔޮ ދުޢާކުރާށެވެ! ތިމާއަށް ދެއްވެވި ޙިއްޞުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުން ކަމަށްވާނީ ދަތިޙާލުގައިވާ މީހުންނާއިވެސް ބައިވެރިވުމުންނެވެ!  

ދުނިޔޭގެ ކަންކޮޅުތަކުގައި ނިކަމެތި ޙާލުޖެހިފައި ތިބި މުސްލިމުންގެ ރުއިމުގެ އަޑުއަހާށެވެ! އެ ހިތްދަތި، ބިރުވެރި ޙާލަތުން އެމީހުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ! އެއީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް މަތިވެރި ވާޖިބެކެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން