އެންޓިބަޔޮޓިކްސްއަށް ނުގުޑާ މައްސަލަ ނުވަތަ އެންޓި-މައިކްރޯބިއަލް ރެސިސްޓެންސްގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެންޓިބަޔޮޓިކުގެ ހުރިހާ ރޭންޖެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް އެންމެ މުހިންމު 1200 އެއްހާ "އެސެންޝަލް ބޭސް" މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ. މީގެ ބޭނުމަކީ ބަލިމީހުންނަށް ބޭނުންވާ އަސާސީ ބޭސްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމެވެ.
ބޭސް އިސްރާފުވުން ކުޑަކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޝާހު ވިދާޅުވީ، ރަށްރަށުގެ އާބާދީއަށް އާންމުކޮށް ބޭނުންވާ ބޭސްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ ސަބަބުން ބޭސްތައް މުއްދަތު ހަމަވެގެން އުކާލަންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓޭޓް ފާމާގެ މައިގަނޑު އަމާޒަކީ ޑޮކްޓަރުން ބަލިމީހުންނަށް ލިޔެދޭ ކޮންމެ ބޭހެއް ހޮސްޕިޓަލް ފާމަސީތަކުން ލިބޭނެކަން ކަށަވަރުކުރުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ޞިއްޙީ ދާއިރާގެ ހުރިހާ ފަރާތްތަކާ ގުޅިގެން ބޭހުގެ ލިސްޓު އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މި އައު ބަދަލުތަކާއެކު، ބަލިމީހުންނަށް ބޭނުންވާ ފަރުވާ އަވަސްވެ، ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރެއިން ބޭސް ފޯރުކޮށްދިނުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ސްޓޭޓް ފާމާއިން އުންމީދު ކުރެއެވެ.