ޖޫން މަހު ޕީޖީ އޮފީހުން ޖުމްލަ 265 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޖޫން މަހު ޕީޖީ އޮފީހުން ޖުމްލަ 265 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅައިފި

ނިމިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމްލަ 265 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އެ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ކުރީ މަސްތަކާ އަޅާބަލާއިރު މަސައްކަތުގެ ދުވެލި ބާރުވެފައިވާ މިންވަރު ހާމަކޮށްދޭ އަދަދެކެވެ.

ޕީޖީ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މެއި މަހާ އަޅާބަލާއިރު ޖޫން މަހު އެ އޮފީހަށް ބަލައިގަތް މައްސަލަތަކުގެ އަދަދު ވަނީ 59.4 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ތަހުޤީޤީ އިދާރާތަކުން ފޮނުވާ މައްސަލަތަކުގައި ލަފާދިން މިންވަރުވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.

އެގޮތުން، ތަހުޤީޤީ އިދާރާތަކަށް ލަފާދިން މިންވަރު 52.7 އިންސައްތަ އިތުރުވެ، ޖުމްލަ 683 މައްސަލައެއްގައި މިދިޔަ މަހު ވަނީ ލަފާދީފައެވެ. މިއީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން މައްސަލަތައް ކުރިއަށް ގެންދިއުމަށްޓަކައި އެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ހަލުވިވެފައިވާ ކަމުގެ ހެއްކެކެވެ.

ކޯޓުތަކުގައި ކުރިއަށްދާ ޝަރީޢަތްތަކަށް ހާޒިރުވުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ޕީޖީ އޮފީހުގެ ވަކީލުން ވަނީ ޖުމްލަ 1207 އަޑުއެހުމަކަށް ހާޒިރުވެފައެވެ. މިއީ މައްސަލަތައް ކޯޓު މަރުހަލާގައި ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މަސައްކަތްތައް އިތުރަށް އަވަސްކުރުމަށްޓަކައި މިހާރު ވަނީ ޕްރޮސެކިއުޝަން ޓީމުތައް އެކުލަވާލާފައެވެ. މި ބަދަލާއެކު، ދައުވާކުރުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި، މައްސަލަތައް ނިންމުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން