އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ކުރިއަށްގެންދިޔަ މެޑިކަލް އިންޓާންޝިޕްގެ ފުރަތަމަ ބެޗުގެ ދަރިވަރުން ތަމްރީނުތައް ނިންމައި ދަސްވެނިވެއްޖެއެވެ. މިއީ އެ ހޮސްޕިޓަލުގައި މިފަދަ ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލި ފުރަތަމަ ފަހަރެވެ.
ރާއްޖޭގައި މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި ރަޖިސްޓްރީވުމަށްޓަކައި އެއް އަހަރު ދުވަހުގެ އިންޓާންޝިޕެއް ފުރިހަމަކުރަން ޖެހެއެވެ. އޭއީއެޗްގައި ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ ދެކުނުގައި ފެންވަރު ރަނގަޅު ކްލިނިކަލް ތަމްރީނު ދިނުމަށާއި، ސިއްހީ ދާއިރާ އިތުރަށް ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ. މި ތަމްރީނުގެ ސަބަބުން އަމަލީ މައިދާނަށް ނުކުންނަ ޑޮކްޓަރުންނަށް ބޭނުންވާ މުހިންމު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ.
ފުރަތަމަ ބެޗު ނިމިގެންދިޔައިރު، އޭއީއެޗް އިން މިހާރު ވަނީ މި ޕްރޮގްރާމްގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. މިއީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.