ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދެމަފިރިންނަށް އެކުގައި އުޅެވޭތާ އަހަރުތަކެއްވެއްޖެނަމަ އެއީ ކާމިޔާބު ކައިވެންޏެއް ކަމަށެވެ. އެއީ އުފަލުގައި ދިރިއުޅޭ ދެމަފިރިން ކަމަށެވެ. ނަމަވެސް އެއީ ކުށް ވިސްނުމެކެވެ.
23 އަހަރުވީ ކައިވެންޏެއް ރޫޅުމުން އަންހެނަކު އަހުރެންގެ ގާތުގައި ބުނެފައިވެއެވެ. "އަހުރެމެންގެ ކައިވެނި ރޫޅުނު ވަޤުތު އަހުރެންނަށް ހީވީ ޖަލަކުން ސަލާމަތްވެވި މިނިވަންވެވުނުހެންނެވެ. 23 އަހަރުގެ ތެރެއިން 15 އަހަރު އަހުރެން ކެތްތެރިވީ ހިތްވަރުންނެވެ. ފިރިމީހާގެ އަޅައިލުމާއި ލޯބިން މަޙްރޫމްވެގެންހުރެއެވެ. ފިރިއަކު ގާތުގައި ހުރެމެ މިއުޅެވެނީ އެކަނިވެރި ދިރިއުޅުމެއްގައިކަން އިޙްޞާޞްކުރަމުންނެވެ. އެކަމުގައި އަޅާވޭނުގެ ގަދަކަން އެނގޭނީ އެކަން އިޙްޞާޞްކުރަންޖެހުނު މީހަކަށް އެކަންޏެވެ."
އޭނާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ކައިވެނި އުފަލުގައި ދެމެހެއްޓުމުގެ އެންމެ ބޮޑު ބާރަކީ ފައިސާއެއް ނޫނެވެ. އަޅައިލުމާއި ލޯބިދިނުމެވެ. ކުރާ ޢަމަލުތަކުން ތިމާ މިހުރީ ބައިވެރިޔާއާއިއެކުގައިކަން ދައްކަމުން ގެންދިއުމެވެ. އެކަންކަން ނުކުރެވޭނަމަ އިތުރަށް އެކުގައި އުލުމުގެ ބޭނުމެއް ނެތެވެ.
މިބަސް އަހުރެން މިބުނަނީ ވަކިމީހަކަށް ނޫނެވެ. ދެމަފިރިންނަށެވެ. ލޯތްބާއި އަޅައިލުން ނުލިބޭ ކައިވެންޏެއްގެ މަތީގައި ތިބުމަކީ ޢުމުރުން ނަގައިލެވޭ ދުވަސްތަކެކެވެ. މައްސަލަ ޙައްލުކުރާށެވެ. ޙައްލުނުކުރެވޭނަމަ އޮތީ އަވަހަށް ވަރިވުމެވެ. ވަރިވެ ދެވަނަ ކައިވެނިކުރުމެވެ. އަނިޔާލިބެން މަޑުކުރާވަރަކަށް ލިބޭއަނިޔާ އިތުރުވުން ނޫންކަމެއް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން