މުލްކް ސޫރަތް ރޭގަނޑު ކިޔެވުމުން ލިބެން އޮތް ބޮޑު ފައިދާ އެނގޭއިރުވެސް އެކަމަށް ދޭންޖެހޭ ސަމާލުކަން ދެވެނީ ކިތައް މީހުންނަށްބާވައެވެ. ފަސޭހައިން ކިޔަވައިލެވޭ، އެންމެ 30 އާޔަތުގެ މުލްކްސޫރަތް ރޭގަނޑު ކިޔަވައިލުމުން ލިބެންއޮތީ ހާދަ ބޮޑު ރަޙުމަތެކެވެ.
ޢަބްދުﷲ ބުން މައްސޫދު ރަޟިޔަﷲ ޢަންހު ވިދާޅުވަނީ ތިމަންމެން ބޭކަލުން ރޭގަނޑުގައި މުލްކު ސޫރަތް ކިޔުއްވަމެވެ. މިއީ ތިމަންމެން ބޭކަލުންގެ އާދައެކެވެ. ކޮންމެ ރެއަކުވެސް މުލްކު ސޫރަތް ކިޔުއްވުން، އާދައެކެވެ. އެހެންކަމުން ތިމަންމެން ބޭކަލުން އޭރުގަ ކީމޭ ސޫރަތުލް މުލްކަށް "އަލްމާނިއާ" މާނިއާ މާނައަކީ މަނާކޮށްފައިވާ. ކޮންކަމަކަށްތޯ؟ ކައްވަޅުގެ ޢަޒާބުން ރައްކާތެރި ކޮށްދޭ ސޫރަތެކޭ މި ސޫރަތަކީ. މި ސޫރަތް ރޭގަނޑު ކިޔަވައިފި މީހަކަށް ކައްވަޅުގެ ޢަޒާބުން ރައްކާތެރިވެގެން ވެއޭ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވުމުން.
މި ސޫރަތް ކޮންމެ ރެއަކު އެބޭފުޅުން ކިޔުއްވާ. އަޅުގަނޑުމެންނަށް ކޮންމެ ރެއަކު ކިތައް އާޔަތްތޯ ކިޔެވެނީ. އެހެން ނޫންތޯ. ނިދަން އަރާފަވެސް މަޖާ ވީޑިއޯއެއް ބަލާލެވޭ. ނޫސްތަކުގަ ހުންނަ މުޙިއްމު ޚަބަރުތައް ކިޔާލެވޭ. 5 މިނިޓް، ޞޮފްޙާއެއް ނުކިޔެވޭނެތޯ؟
- ޝައިޚް މުޙައްމަދު މަންޞޫރުގެ ދަރުސަކުން