އަނބިއަނބިކަނބަލުން އާލާސްކަންފުޅާ އުޅުއްވަވާނަމަ ހެޔޮކޮށް ހިތްތެވުން ރަސޫލް ޞޢޥ އިތުރުކުރެއްވެވި! މިފަދައިން ދުޢާވެސް ކޮށްދެއްވެވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
އަނބިއަނބިކަނބަލުން އާލާސްކަންފުޅާ އުޅުއްވަވާނަމަ ހެޔޮކޮށް ހިތްތެވުން ރަސޫލް ޞޢޥ އިތުރުކުރެއްވެވި! މިފަދައިން ދުޢާވެސް ކޮށްދެއްވެވި!

އެއްވެސް އަނބިކަނބަލެއް އެއްވެސް އާލާސްކަންފުޅެއްގައި އުޅުއްވާނަމަ އެކަނބަލަކަށް އޯގާތެރިކަމާއެކު އަޅާލައްވައި ދުޢާކޮށްދެއްވައި ހިތްވަރުގެ ބަސްފުޅުތައް ޙަދީޘްފުޅު ކުރައްވައެވެ: ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

"كان يعوّذ بعض أهله يمسح بيده اليمنى، ويقول:  

“اللهم رب الناس، أذهبْ الباس، اشفه وأنت الشافي، لاشفاء إلا شفاؤك ، شفاء لا يغادر سقما".

البخاري 5743.

"އެކަލޭގެފާނުގެ ކަނާ އަތްޕުޅުން ފިރުމާލައްވައި، އެކަލޭގެފާނުގެ ބައެއް އަހުލުވެރިންނަށް (ބަލިން ސަލާމަތްކޮށްދެއްވުމަށް ﷲ ގެ) ރައްކާތެރިކަން އެދިވަޑައިގަންނަވައެވެ. އަދި ދުޢާކުރައްވައެވެ: ‘އޭ ﷲ! މީސްތަކުންގެ ރައްބުއެވެ. ގެއްލުން ފިއްލަވާންދޭވެ. އެއަށް ޝިފާ ދެއްވާންދޭވެ. ޝިފާ ދެއްވާ ފަރާތަކީ ތިޔައީއެވެ. އިނބަ އިލާހުގެ ޝިފާ ނޫން އެހެން ޝިފާއެއް ނުވެއެވެ. (އެ) ޝިފާއަކީ އެއްވެސް ބައްޔެއް (ފަސޭހަވިޔަ ނުދީ) ދޫނުކުރާނެ ޝިފާއެކެވެ".

ފަހެ އަނބީން ބަލިވެ އެބައިމީހުންގެ ހަށީގައި ވޭން އަޅާ ހިނދު ފިރިމީހާ އައިސް އޭނާގެ ގައިގައި ފިރުމައިދީ ގައި މޮޑެދީ ހެދުމަކީ އަޅަމުންދާ ވޭނުގެ އަސަރު ކުޑަކޮށްދޭނެ ކަމެކެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސްމެއެވެ. އެފަދައިން އޭނާއަށް އަޅާލުމުން އެކުގައިވާ ފިރިމީހާ ދެކެ ވާލޯބި އިތުރުވެގެން ދާނެއެވެ. އަދި ގާތްކަން އާލާވެގެން ދާނެއެވެ.  

މިއީ ހަޤީޤަތުގައި ބަޔާން ކުރަންވެސް ނުޖެހޭހާ ފާޅުކަން ބޮޑު ކަމެކެވެ. އެހެނަސް ހިތާމައަކީ ބައެއް ފަހަރު އަނބިން ޙައިޞުވެ ނުވަތަ ވިހެއުމަށާއި ވިހެއުމަށް ފަހުވެސް ފިރިމީހާގެ އެއްވެސް އަޅާލުމެއް ނުލިބޭ ގިނަ ޢަދަދަކަށް އަނބިން އުޅޭކަމެކެވެ. އޭނާގެ ކަންކަން ބަލަހައްޓަކައި އަޅައިލާން ހުންނަނީ ކޮންމެވެސް އަންހެނެކެވެ. އޭނާގެ މަންމަ ފަދަ އަންހެނެކެވެ. ނުވަތަ ގާތް ރައްޓެއްސެކެވެ. ބައެއް ފަހަރު ފޫޅުމައިން ފަދަ ދުރުހިލޭ މީހުންވެސް އެމީހުންނަށް އަޅައިލާން އުޅޭލެއް މަދެއް ނޫނެވެ. 

ހަމަ އެގޮތަށް، ފިރިމީހާ ބަލިވުމުންވެސް އެފަދައިން ކަންކުރާ އަންހެނުންވެސް މަދުންނަމަވެސް އުޅެއެވެ. ޚާއްޞަކޮށް މިޒަމާނުގައި، ގެއިން ބޭރުގައި ހިލޭ ފިރިހެނުން އެކީގައި ވަޒީފާ އަދާކުރާ އަންހެނުންގެ ތެރޭގައި މިކަން އިތުރުކަން ޤަބޫލުކުރަން ޖެހެއެވެ. ފިރިމީހާ ގޭގައި ބަލިވެ އޮންނައިރު އަނބިމީހާ އުޅޭނީ ވަޒީފާ އަދާކުރަން ކަމުގައި ބުނެ، އޮފީހުގެ ބޮޑު މީހާ ނުވަތަ ކޮންމެވެސް މުވައްޒަފަކާ އެކީގައި ކޮފީޝޮޕެއްގައި ކޮޕީ ބޯށެވެ. ނުވަތަ ކޮންމެވެސް ރެއްޓޯރެންޓެއްގައި ފުރެޝް ޖޫހެއް ބޯށެވެ.  

ނަމަވެސް ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުން އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވާ ހިނދު ނުހަނު އެހީތެރިވެ އޯގާތެރިވާކަން އެކަލޭގެފާނު އަވަހާރަފުޅުވި ޙާދިޘާއިންވެސް އެހުރީ ފެންނާށެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ ޢާއިޝާ رضي الله عنها ގެ މޭފުޅާއި ކަނދުރާފުޅުގެ ދެމެދުގައި އިސްތަށިފުޅު އަޅުއްވަވައިގެން އޮންނަވަނިކޮށެވެ. ދެމަފިރިންގެ ޚިދުމަތުގައި އެކަކު އަނެކަކު އެކަކު އަނެކަކަށްޓަކައި ޚިދުމަތްތެރިވާން ޖެހޭ މިންވަރާ މެދުގައި ހޭލުންތެރިވާން މި މިންވަރު މުސްލިމަކަށް ނުފެދޭތޯއެވެ.

 

- ނުނިމޭ  

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

 

މިއަދު އޮންލައިން