މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ކީ-ވޯލްގެ މަސައްކަތް ސީ.އެޗް.އީ.ސީ އާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން ކީ-ވޯލްގެ މަސައްކަތް ސީ.އެޗް.އީ.ސީ އާ ހަވާލުކޮށްފި

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢުގެ ދަށުން، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ނުވަތަ ބަނދަރުގެ ފާރު ހެދުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ފަރާތުންނާއި ސީ.އެޗް.އީ.ސީގެ ފަރާތުން މިއަދު ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަކޮށްގެން 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަކޮށްގެން 5 މީޓަރު ފުން، 820 މީޓަރު ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްޙޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ މި މަޝްރޫޢު އަމަލީގޮތުން ކުރިއަށް ގެންދިއުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެއެވެ.

މި މަޝްރޫޢު ނިމުމުން ރާއްޖެއަށް އެތެރެކުރާ މުދާ ހުސްކުރުމާއި، މުދާ ރައްކާކުރުމުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މާލޭގެ ތޮއްޖެހުން ކުޑަވެ، ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް މިހާރަށްވުރެ ހަލުވި އަދި ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން