މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ބައްލަވާލައްވައިފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިނިސްޓަރު 18 ޖުލައިވީ ހޮނިހިރު ދުވަހު ކުރެއްވި ޒިޔާރަތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ޑީ.ސީ.ޕީ (ރިޓަޔަރޑް) އަޙްމަދު ސައުދީ އާއި، މިނިސްޓްރީގެ އިސްވެރިންގެ އިތުރުން އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ޢިއްޒުއްދީން ފާލަމާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅައި މުޅިން ނިންމާފައެވެ. އެމްޓީސީސީއާ 09 އޭޕްރިލް 2025 ގައި ހަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން ތާރުއެޅުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޯގަސްޓް 2025 ގައެވެ.
މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1.145 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ބަނދަރުގެ ބައެއް ހިއްކައިގެން މަގު 4 ލޭނަށް ފުޅާކުރުން ހިމެނެއެވެ.
މީގެ އިތުރުން، މަގުގެ ދެފަރާތުގައި ދުވާރު ހެދުމާއި، ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، ރޯޑް މާރކިންގ އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި ބޭންކް އޮފް ސިލޯން ކުރިމަތިން ޚާއްޞަ ޕާކިންގ އޭރިއާއެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި އޮންނަ ޓްރެފިކްގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.