ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. މި މަސައްކަތްތަކަކީ އެ ސަރަޙައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
ސްޓެލްކޯ އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ރަސްމީކޮށް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅިގެން، ރައްޔިތުންނަށް އިތުބާރުހުރި ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތްތައް ކުރުމަށް ތާވަލްކުރެވިފައިވަނީ މި މަހުގެ 21 އިން ފެށިގެން 31 ގެ ނިޔަލަށް ކަމަށެވެ.
ކަރަންޓުގެ ވިއުގައިގައި ކުރަންޖެހޭ ޓެކްނިކަލް އަޕްގްރޭޑިންގ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެކި ސަރަޙައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭކަމަށެވެ. އަދި މިފަދަ މަސައްކަތްތަކަކީ ދިގު މުއްދަތަކަށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ކުރެވޭ ކަންކަން ކަމުގައިވާތީ، އެކަމުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ސްޓެލްކޯ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.