ކޮންމެ ކަމަކަށް ބޭނުންވިޔަސް ދުޢާކުރަން ޢިލްމްވެރިން ވިދާޅުވެއެވެ. އަޅުގަނޑުގެ ސުވާލަކީ ދިރިއުޅުމުގައި ދިމާވާ އާދައިގެ ކުދިކުދި ކަންކަމަށްވެސް ދުޢާކުރަންވީތޯ؟
ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ މުސްލިމުން ދުޢާކުރަން އޮތީ ވަކިކަމަކަށް ނުވަތަ ވަކި ސައިޒެއްގެ ކަމަކަށް ނޫނެވެ. ހަމަ ކޮންމެ ކަމަކަށް އެދިގެންވެސް ދުޢާކުރަންވީއެވެ. ދުޢާކުރުން ގިނަކުރުމަކީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާ ކަމެކެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ދުޢާކުރުމުގެ ހުރި ބާރާއި ފައިދާ އެނގިލައްވާނެއެވެ. އިން ޝާ ﷲ
އެދުވަހަކީ މަންމަ އާއި ބޮޑުބޭބެ ޖަރުމަނަށް ފުރަން އޮތް ދުވަހެވެ. ފުރުވަން އެއާޕޯޓަށް ދިއައީ ބައްޕަގެ ކާރުގައެވެ. ބައްޕަ އެމީހުން ގޮވައިގެން ކާރުން ފައިބައިގެން ދިއައީ އަޅުގަނޑު ކާރުގައި ބައިންދާފައެވެ.
ބައްޕަ ދިއަތާ އިރުކޮޅެއް ނުވެ ޓްރެފިކް ޕޮލިހުން އައިސް އެތަނުން ކާރު ނަގަން ބުނެފިއެވެ. އެއީ ގިނައިރު ކާރު ބާއްވަން ހުއްދަ ސަރަހައްދަކަށް ނުވާތީއެވެ. އަޅުގަނޑުގެ އަތުގައިގައިވެސް ލައިސަންސް އޮވެއެވެ. ނަމަވެސް އަޅުގަނޑު ކާރު ނުދުއްވާތީ ވަރަށް ނުފަރިތައެވެ. އެހެންކަމާއިއެކުވެސް ފުލުހުން އެންގުމުން ކާރު އެތަނުން އެހެންތަނަކަށް ގެންދަން މަސައްކަތްކުރީމެވެ. ވަރަށް ބިރުން ހުރެއެވެ.
ކާރުތައް ގިނަކަމާއިއެކު ދުއްވަން ޖެހުނީ ވަރަށް ބަލައިގެން ފަރުވާތެރިކަމާއިއެކުގައެވެ. ދުއްވަމުން ގޮސް ކާރު ބާއްވާނެ ޖާގައެއް ލިބުނީ ވަރަށް ދުރުންނެވެ. އެކަން ބައްޕައަށް އެންގޭނެ ގޮތެއް ނެތެވެ. ހަނދާންނެތި ބައްޕަ ދިއައީ ފޯނުބާއްވާފައިކަމަށްވުމުންނެވެ. އަދި އެންގޭނެ ގޮތެއް ނުވެއްޖެނަމަ ބައްޕައަށް ކާރު ހޯދުން ފަސޭހަކަމަކަށް ނުވާނެތީއެވެ.
އެތަނުގައި ވަރަށް ގިނައިރު އިނުމުންވެސް ބައްޕަގެ ޚަބަރެއް ނުވުމުން ދެއަތް އުފުލައި ދުޢާކުރީމެވެ. ބައްޕައަށް ކާރު ދެއްކެވުން އެދިއެވެ. ދުޢާކޮށް ނިމިގެން އަތްތިރިކޮށްލިތާ 3 މިނިޓްވެސް ނުވާނެއެވެ. ބައްޕަގެ ފޯނަށް ނުދަންނަ ނަމަބަރަކުން ގުޅީމާ ފޯނު ނެގިއިރު އެހެން މީހެއްގެ ފޯނުން ގުޅީ ބައްޕައެވެ. ކާރު ބޭއްވިތަނުގައި ނެތުމުން ނުފެނިގެންނެވެ.
ކަންތައްވީގޮތް ކިޔައިދީ ކާރު އެއިރު އޮތްތަން ބުނުމުން ބައްޕަ ކާރުކައިރިއަށް އަތުވެއްޖެއެވެ. އަޅުގަނޑު ހިތަށް އެރިއެވެ. ކިތަންމެ ބޮޑުކަމެއްޖެހިގެން ނަމަވެސް ކުޑަކަމެއް ޖެހިގެން ނަމަވެސް ދުޢާކުރަން އެއޮތީ މިހެންވެގެންތާއެވެ! އަހަރެމެންނަށް ކޮންމެ ކަމެއް ޖެހިގެން ނަމަވެސް ކުރާ ކޮންމެ ދުޢާއެއް ﷲ އައްސަވައިވޮޑިގެންވޭތާއެވެ! އެދުވަހަށްފަހު ކިތަންމެ ކުޑަކަމެއް ޖެހުނަސް ދުޢާކުރަމެވެ. އަދި އެކަމުގެ ނަތީޖާ އަންނަނީ ރަނގަޅު ގޮތުގައި ފެންނަމުންނެވެ.
- ޝާފިޢާ