އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ކަމަށް ހީވެސްނުކުރާށެވެ! ކޮންމެ މުޞީބާތަކާއެކު ރަޙްމަތެއްވާކަން އެއީ ޔަޤީންކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިގެންދާނެ ކަމެއް ކަމަށް ހީވެސްނުކުރާށެވެ! ކޮންމެ މުޞީބާތަކާއެކު ރަޙްމަތެއްވާކަން އެއީ ޔަޤީންކަމެކެވެ!

ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ދުނިޔޭގެ ޙަޔާތުގައި ކޮންމެ މީހަކަށްވެސް މުޞީބާތްތައް ކުރިމަތިވާނެ ކަމެވެ. ވީމާ ކަމެއް ކުރިމަތިވުމަކީ ކަންބޮޑުވެ މާޔޫސްވާންޖެހޭ ސަބަބެއް ނޫނެވެ. ޔަޤީންކުރަންވީ ކޮންމެ މުޞީބާތަކާއިއެކުގައިވެސް ރަޙްމަތެއްވާނެކަމެވެ. ކަންބޮޑުވެވެނީ އެރަޙްމަތް ލިބޭނެ ވަޤުތު ނުއެނގޭތީއެވެ.  

ދެން ފާހަގަމިކުރަނީ ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދަން ބޭރަށް ދާންޖެހޭ މީހުންނަށް ކުރިމަތިވާ މައްސަލައެވެ. މިފަދަ ކަންކަމުގައި އެހީތެރިކަމަށް ބޭނުންވެގެން ތިބި އެތައް ހާސް ބައަކު އަޅުގަނޑުމެންގެ ތެރޭގައި މިއަދުވެސް އެބަ ތިއްބެވެ. ދައުލަތުގެ އެހީތެރިކަން ބޮޑު މިންވަރަކަށް ލިބުނަސް ސަލާންޖަހަންޖެހޭ ޙާލުގައި އުޅެންޖެހިފައިވާ އެތައް ހާސް ބައަކު އެބަތިއްބެއެވެ. އަދި ގިނަ ބައަކު އެފަދަ މީހުންނަށް އެހީތެރިކަންވެސް ފޯރުކޮށްދެއެވެ.  

ދުނިޔޭގެ ނިޞްބަތުން ބެލިނަމަވެސް ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވުމުގައި ނަމޫނާ ބައެކެވެ. ތިރީގައި ބަޔާން މިކުރަނީ އެކަން ފާހަގަ ކުރައްވައި މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ބަސްފުޅެކެވެ.  

ﷲ ތައާލާގެ ދީލަތިވަންތަކަމާއި އޯގާތެރިވަންތަކަން ދިވެހިންގެ މައްޗަށް އަބަދުވެސް ވަރަށް ބޮޑެވެ! އެކަމަށްޓަކައި ޝުކުރުވެރިވާންވާނެއެވެ! އިޚްލާޞްތެރިވާންވާނެއެވެ!  

ދިވެހިންނަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތރެރިވާ ބައެކެވެ. އެކުވެރި ބައެކެވެ. ދިވެހިންނަށް ކުރިމަތިވާ މުޞީބާތްތަކުން ﷲ ތަޢާލާ ދިވެހިން ސަލާމަތްކުރައްވަވަމުން ގެންދަވަނީ އެކަންކަމުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުޞަތު އެބަ އޮތެވެ.  

ދަތިޙާލަތެއް ކުރިމަތިވުމުން ހުރިހާ ރައްޔިތުންގެ ހުރިހާ ބޭނުންތަކެއް ފުއްދައި ދިނުމަކީ އެއްވެސް ދައުލަތަކަށް ކުރެވޭނެ ކަމެއް ނޫންކަން ޤަބޫލުކުރާށެވެ! ވީމާ މިހާލަތުގައި ރައްޔިތުންނަށް އޮތީ ކެތްތެރިވުމެވެ. ޛިކުރުކޮށް ދުޢާ ކުރުމެވެ. ޝކުރުވެރިވުމެވެ.  

ސަބަބުތަކުގައި ހިފައިގެންތިބެ މުޞީބާތްތަކުން އަރައިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! ދަތިޙާލަތަކަށްފަހު އުފާވެރިކަން މިންވަރު ކުރައްވަވާނެތެވެ. އެއްވެސް މުޞީބާތަކީ ދާއިމަށް ދެމިއޮންނާނެ ކަމެއް ނޫނެވެ. އައްޔޫބްގެފާނުގެ ސިޔަރަތުން ލިބިގެންދާ އެއް ފިލާވަޅަކީ އެއީއެވެ!  

އައްޔޫބްގެފާނަށް ކުރިމަތިވެވަޑައިގެންނެވި އެ ބޮޑު މުޞީބާތުގައި 18 އަހަރު ހޭދަކުރެއްވެވިއިއރުވެސް ވަގުތުތައް ހޭދަކުރެއްވެވީ އަޅުކަން ކުރެއްވެވުމާއި ޛިކުރު ކުރެއްވެވުމުގައެވެ. މިއީ މިއަދު އަޅުގަނޑުމެން ވެސް ސާބިތުވާންވީ ކަންކަމެވެ. މުޞީބާތުން އަޅުގަނޑުމެންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ

 

- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

 

މިއަދު އޮންލައިން