ހިތާމައާއެކުވެސް ބުނަންޖެހެނީ ގިނަ ބައަކު ސޯޝަލް މީޑިއާ ބޭނުންކުރަނީ އެމީހުންނަށް އެންމެ ގެއްލުންހުރި ގޮތަށެވެ. މިހެން ބުނަންޖެހެނީ ތިމާއަށް ޢަޛާބު ދެއްވަވާނެ ކަންކަން ކުރާތީއެވެ.
ސޯޝަލް މީޑިއާއާއިމެދު ގިނަ ބައަކު ކަންބޮޑުވެއެވެ. އެކަމަކު އަހުރެން ކަންބޮޑެއް ނުވަމެވެ. އަހުރެންވެސް ސޯޝަލްމީޑިއާ ބޭނުންކުރަމެވެ. ބޭނުންކުރަނީ ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަންކަން ކުރާށެވެ. ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް އަހުރެން ނުކުރަމެވެ.
ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަލާނގެ ކުރިފުޅުމަތީގައި އަހުރެންގެ ޕޭޖް ހުޅުވާލަން މިހުރީ ތައްޔާރަށެވެ. އަހުރެންގެ ޕޭޖްގައި ހުންނާނީ އަހުރެން ކުރި މަސައްކަތަށް ﷲ ތަޢާލާ ޘަވާބު ދެއްވަވާނެ ކަންކަމެވެ. އިތުރު އެއްވެސް ކަމެއް ނުހުންނާނެއެވެ. އިން ޝާ ﷲ
އަހުރެންގެ އިލްތިމާސަކީ އެންމެންވެސް އަހުރެންފަދައިން ސޯޝަލް މީޑިއާގެ ބޭނުންކުރުމަށެވެ. އެއްފަހަރާ އެތައް މިލިއަން މީހުންނަށް ދީނުގެ ހެޔޮނަޞޭޙަތްދީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދެވެން އޮތްއިއރު އެކަންކުރުމަށް ސަމާލުކަންދޭށެވެ. މިއީ ކުރީގެ ޒަމާންތަކުގައި ލިބިފައި އޮތް ފުރުޞަތެއް ނޫނެވެ. ނަމަވެސް މިއަދު މިފުރުޞަތަކީ އެންމެންނަށް ފަހިވެފައި އޮތް ފުރުޞަތެކެވެ.
ތިމާއަށް ހެޔޮބަސް ބުނަން ނުއެނގޭނަމަ ޢިލްމްވެރިން ވިދާޅުވެފައި ހުންނަ ހެޔޮބަސްތައް ހާމަކުރާށެވެ. އަސާސް ޔަޤީންނުވާ ޕޯސްޓްތައް ޝެއާނުކުރާށެވެ. ތިމާއަށް ޔަޤީންކަން ލިބޭ ޕޯސްޓްތައް ޝެއާކުރާށެވެ! މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. ތިމާއަށް ކުރެވުނު ކަމެއްގެ ސަބަބުން އެހެން މީހުންނަށް އޮޅުން އަރައިފިނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބިރުވެތިވާށެވެ.
ސޯޝަލް މީޑިއާއަކީ ތިމާއަށް ކުރެވޭ އަޅުކަމުގެ އިތުރުންވެސް ޘަވާބު ހޯދެން އޮތް ޕްލެޓްފޯމެކެވެ. ވީމާ އަހުރެން މިޢަމަލުކުރާ ފަދައިން ތިއަބައިމީހުންވެސް ޢަމަލުކުރާށެވެ! ޤިޔާމަތް ދުވަހު އެކަމުގެ ފައިދާ ތިބާއަށް ކުރާނެއެވެ. އިން ޝާ ﷲ
- މަޢުލޫމާތު: ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން