އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ކަރުނަފޮދު އެކަލޭގެފާނުގެ އަތްޕުޅުން ފޮހެދެއްވާ ކަމުގައިވިއެވެ:
ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުންނާ އެކަލޭގެފާނުގެ އަރިހުގައި ޙައްޖު ކުރެއްވިއިރު ޤާފިލާގެ ތެރެއިން މީހަކު އައިސް ހުރިހާ އަނބިކަނބަލުންގެ ޖަމަލުތަކާއިގެ އަސްވައަވަހަށް ހިނގައިގަތެވެ. ނަމަވެސް ޞަފިއްޔާ رضي الله عنها ގެ ޖަމަލު އެހިނދު ބަނޑުޖެހިއެވެ. ފަހެ ޞަފިއްޔާ رضي الله عنها އަށްވުރެ އެހެން ހުރިހާ އަނބިކަނބަލުން ޖަމަލާއެކު ކުރިއަރައިވަޑައިގެން ދިޔުމުގެ ސަބަބުން އެކަމަނާ ކީރިތިކުރައްވަން ފެއްޓެވިއެވެ. އެހިނދު ﷲ ގެ ރަސޫލާ صلى الله عليه وسلم އެކަމަނާގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން އެކަމަނާގެ ކަރުނަފޮދު ފޮހެދެއްވިއެވެ."
أحمد 26325 صححه الألباني في الصحيحة 3205.
މިޙަދީޘްގައި އަޅުގަނޑުމެން ފިރިހެނުންނަށް ވަރަށް ބޭނުންތެރި މުހިއްމު ފިލާވަޅެއް އެބަ ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ފިރިހެނުންނަނީ އަނބިންގެ ކަރުނަ ފޮހެދިނުމުގެ އިތުރުން އަމިއްލަ ލޮލުން ފައިބާ ކަރުނަ ފޮހެން ޖެހިދާނެތީ ވެސް ކަންބޮޑުވާ ބައެކެވެ. އަމިއްލަ ލޮލުން ކަރުނަ ތިއްކެއް ފައިބަައިފާނެތީ ވެސް ބިރުން އުޅޭ ކަހަލައެވެ. އެހެންކަމުން އެހެން މީހެއްގެ ކަރުނަ ފޮހެ ދިނުމަކީ އަދި މާ ނާދިރު ކަމެކެވެ. އެހެނަސް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ފެންނަން މިއޮތީ އެހެންތޯއެވެ؟
އަންހެނުންނަކީ ޢާއްމު ގޮތެއްގައި ވަރަށް ފަސޭއިން ރޯ ބައެކެވެ. ފިރިހެންނުންނަށް ކިތަންމެ ކުޑަ ކަމެކޭ ހީވާ ފަދަ ކަންކަމުގައިވެސް އެމީހުން ރޮއެ ކަރުނަ އަޅައިފާނެއެވެ. އަދި ކިތަންމެ ބައިވަރު މީހުންތަކެއްގެ ތެރޭގައި ހުރެގެންވެސް އެމީހުން ރޮއެފާނެއެވެ. އަދި ކައިރީގައި ހުންނަ ފިރިމީހާ ލަދުގަންނަ ވަރަށް ވެސް އެމީހުން ރޮއެފާނެއެވެ. އެއީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ އެމީހުން ޚަލްޤުކުރައްވާފައިވަނީ އެފަދައިންނެވެ. އޭގައި އަޅުގަނޑުމެން ފިރިހެނުންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯނާނެއެވެ.
ބައެއް މީހުންނަށް އެފަދަ ޙާލަތްތައް ދިމާވުމުން އަނބިމީހާ ދެކެ ހިތްހަމަނުޖެހި ރުޅި އާދެވެއެވެ. ތިމާގެ އަގުވައްޓާލީ ކަމަށް ވިސްނެއެވެ. އަދި މީހުންގެ ކުރިމަތީގައި ނުވަތަ ގެއަށް ގޮސް އަނބިމީހާއަށް އެކަމާ ފާޑުކިޔައެވެ. ނަމަވެސް އެހެން ހެދުމުން ކަންތައް ޙައްލުވުމުގެ ބަދަލުގައި ޙާލަތު ހައްތަހާ ވާނީ ގޯސްކަން ފިރިން ދަންނަން ވާނެއެވެ. އޭރުން އަނބިމީހާއަށް ވިސްނޭނީ އޭނާ ހިތުގައި ޖެހުނު ވަގުތުގައި ހައްތަހާ ދެރަކޮލަނީ ކަމުގައެވެ. އެހީތެރިވެ އޯގާތެރިވާންވީ ވަގުތުގައިވެސް ނިކަމެތިކޮށްލަނީ ކަމުގައެވެ.
އަނބިމީހާ އޭނާގެ ޖަޒުބާތުގެ ތިލަފަތުން އެމާޙައުލު ކިރާ ފަދައިން ފިރިމީހާވެސް އޭނާގެ ޖަޒުބާތުގެ ތިލަފަތް ނަގައިގެން ކުށްވެރިއަކީ ކާކުތޯ ކިރަންވެއްޖެ ނަމަ މައްސަލައިގެ ޙައްލެއް ނުފެންނާނެއެވެ. މާޙައުލު ފިންޏެއް ނުކުރެވޭނެއެވެ. ފަހަރެއްގައި އަނބިމީހާ ފިރިމީހާއަށްޓަކައި އޭނާގެ ޝުޢޫރުތައް ޤުރުބާންކުރުމަށް ފަހު ހަނު ހުރެދާނެއެވެ. އޭނާގެ އިޙުސާސްތައް ހިންދާލައިގެން ހުރެދާނެއެވެ. ނަމަވެސް އޭނާ ދެރަވެ ހިތުގައި ޖެހުނު ގަޑީގައި ފިރިމީހާގެ އޯގާތެރިކަން ނުލިބުނުކަން ގިނަ ފަހަރު ހަނދާނެއް ނުނެތޭނެއެވެ. އެލަކުނެއް ނުފިލާނެއެވެ.
އަންހެނުންނަށް ވުރެ ބުއްދީގެ އިތުރުކަން ފިރިހެނުންނަށް ދެއްވާފައި ވުމުގެ ބޭނުމަކީ، އެފަދަ ހާލަތްތަކުގައިވެސް އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ. ފިރިމީހާ ޢަމަލުކުރާ ގޮތުން މައްސަލަ އިރުތަށް ގޯސްވާނާމަ އޭނާގެ ބުއްދީގެ ފުރިހަމަކަމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ! އެހާރުން، ބުއްދީގެ އިތުރުކަން ދެއްވާފައިވާ މިފިރިހެނާ ، އަންހެނުންގެ މައްޗަށް ﷲ ތަޢާލާ ބެލެހެއްޓުންތެރިއެއް ކަމުގައި ލެއްވުމުގެ މަޤްޞަދެއް ޙާޞިލެއް ނުވެއެވެ.
އަޅުގަނޑުމެން، ފިރިހެނުންނަށް އޮތީ އެފަދަ ޙާލަތުގައިވެސް ނަބިއްޔާ صلى الله عليه وسلم ޢަމަލުފުޅު ކުރެއްވި ގޮތް ހޯދައިބަލައި އެއިން ފިލާވަޅު ލިބިގަނެ އެއާ އެއްގޮތަށް ޢަމަލު ކުރުމެވެ. މަތީގައި ބަޔާންވެދިޔަ ޙަދީޘުން އެވަނީ އެފަދަ ޙާލަތްތަކުގައި ޢެކަލޭގެފާނު ޢަމަލުފުޅު ކުރެއްވި ގޮތެވެ. ފަހެ ތިބާގެ އަންހެނުން ދެރަވެ ރޮއެ ހަދާނަމަ އޭނާގެ ހިތް އުފާވާފަދަ ނުވަތަ އެނުތަނަވަސްކަން ފިލާނެ ފަދަ ކަމެއް ކޮށްދީގެން ނަމަވެސް އޭނާއާއަށް އޯގާތެރިކަން ފޯރުކޮށްދެވޭތޯ ބަލާށެވެ. އެއީ ތިބާގެ އަމިއްލަ އަތުން އޭނާގެ ކަރުނަތައް ފޮހެލައިދީގެން ކަމުގައި ވިޔަސްމެއެވެ. އެއީކީ ފިރިހެނަކަށް ވީތީ ކުރަން ލަދުގަނެ ޖެހިލުންވާންޖެހޭ ކަމެއް ނޫނެވެ. ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން އެކަން އެއޮތީ ފެންނާށެވެ.
- ނުނިމޭ…
- ޝައިޚް ޒަމްޒަމް ފާރިޝް