ޖެހިލުންކުޑަ މުޖާހިދުން އެތްތަކަށް ޙަމަލާދިނުން
މަރުކަޒީ ކޮމާންޑުން އަމުރު ލިބުމާއެކު، ވަގުތުން ހަނގުރާމައިގެ ހަރަކާތްތައް ފެށިއްޖެއެވެ. ބިޔަ، ބޮޑު އެތެއް މަރާލުމަކީ އާދައިގެ ފަސޭހަކަމެއް ނޫނެވެ. އެއީ ނުރައްކާތެރި، ބިރުވެރި ކަމެކެވެ. ފުރާނަ އަތްމައްޗަށް ލައިގެން ކުރެވޭފަދަ ކަމެކެވެ. ޤަޢުޤާޢުއާއި ޢާޞިމް އެބޭފުޅުންގެ މިޔަތޫނު ކަނޑިތަކާއި ތުނޑުތޫނު ނޭޒާތައް ހިއްޕަވައިގެން، އަސްވާރުންނާއި ފައިމަގުގައިވާ ސިފައިންގެ ފައުޖަކާއެކު، ސިއްރުސިއްރުން ކުރިއަށް ވަޑައިގަތެވެ. އެބޭކަލުން އެ ސިފައިންނަށް އިރުޝާދު ދެއްވިއެވެ. [އެ އެތް ސިއްސުވާލައި، އޭތި ވަޖިދުކޮށްލުމަށްޓަކައި އޭތި ވަށާލައިގެން ތިބޭށެވެ.]
ޤަޢުޤާޢުއާއި ޢާޞިމް، އީރާނުގެ ސިފައިންގެ ސަފުތަކުގެ ތެރެއަށް ދެމިގަތް ސައިލެއްގެ ބީދައިން ވަދެގަތެވެ. ހަމަ އެފަދައިން ޙައްމާލްއާއި ރިއްބީލްވެސް ދުޝްމަނުންގެ ތެރެއަށް ވަދެގަތެވެ. އެ ބިޔަ އެތުގެ ވަށައިގެން ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވާތަން ފެނުމުން، އެތް ސިހި، ދެފަރާތަށް އޭގެ ބޯއުކައި ހޫރެން ފެށިއެވެ. ހަމައެތަންވަޅު، ޤަޢުޤާޢުއާއި ޢާޞިމް އެއްފަހަރާ ކުރިއަށް ފިޔަވަޅެއް އަޅުއްވައި، އެއްވެސް ޖެހިލުމެއްނެތި، އެ ހުދު އެތުގެ ދެލޮލަށް އެބޭފުޅުންގެ ތޫނު ނޭޒާތައް ހަރާލިއެވެ. އެއާއެކު، މުޅި މައިދާން ސިއްސުވާލީ އެތުގެ ވޭނީ ހަޅޭކުގެ އަޑުންނެވެ. ލިބުނު ސިހުމާއި ވޭނުގެ ސަބަބުން، އެތް ތެޅިފޮޅިގަނެ، އޭގެ ބުރަކަށިމަތީގައިވާ ސަވާރުން ބިމަށް ހޫރާލިއެވެ. އެތަށް ލިބެމުންދިޔަ ތަދުގެ ސަބަބުން، އޭގެ ހޮނޑު އުފުލާލައިގެން ހަޅޭލަވަމުން ދިޔައެވެ.
ޤަޢުޤާޢު (ރަޟިޔަﷲ ޢަންހު) ހުންނެވީ މިދަނޑިވަޅަށް ނުހަނު ފާރަވެރިވެވަޑައިގެންނެވެ. އެކަލޭގެފާނު ބަލާކަށް ނުހުންނަވައި، އެކަލޭގެފާނުގެ ކަނޑީގެ ބާރުގަދަ، ނުރައްކާތެރި ހަމަލާއެއް އެތުގެ ހޮނޑަށް އަރުވާލިއެވެ. އެތުގެ ހޮނޑު ބުރިވެގެން ވެއްޓިއްޖެއެވެ. ދެލޯކަނުވެ، އަދި ރުޅިއައިސް މޮޔަވެފައިވާ ހާލުގައި، އެ ބިޔަ އެތް ހަޅޭލަވަމުން ދުވަނިކޮށް، އަރިއަޅާލައިގެން ވެއްޓިއްޖެއެވެ. އެތް ވެއްޓުމާއެކު، މުސްލިމުން އެ އެތުގެ މަތީގައި ތިބި އީރާނުގެ ސަވާރުން މަރާލިއެވެ. އެއަށްފަހު، އަލުން އެ އެތް މޮޔަވެފައިވާ ހައިވާނެއް ފަދައިން ހަޅޭލަވަމުން ކޮޅަށް ތެދުވިއެވެ.
މި ދަނޑިވަޅުގައި، ޙައްމާލްއާއި ރިއްބީލް ފައިމަގުގައިވާ ސިފައިންގެ ފައުޖަކާއެކު، އަޅިކުލައިގެ އެތަށް ހަމަލާދިނެވެ. ޙައްމާލް އެ އެތުގެ ލޮލަށް ނޭޒާ ހަރާލިއެވެ. އެއާއެކު، އެތް އަރިއަޅާލައި، އޭގެ ފަހަތު ދެފައިގެ މައްޗަށް އިށީނދެފައި، އަލުން ކޮޅަށް ތެދުވެއްޖެއެވެ. ރިއްބީލް އެ އެތަށް ދެވަނަ ހަމަލާއެއްދީ، އޭގެ ހޮނޑު ބުރިކޮށްލިއެވެ. އެތް ދުއްވަން އިން މީހާއަށް މި މަންޒަރު ފެނުމުން ބިރުން ސިހި، އެ ސޫފި ކުރިއަށް ދުއްވުމަށްޓަކައި، ދަގަނޑުގަނޑަކުން އޭގެ ނިތްކުރީގައި ތަކުރާރުކޮށް ތަޅަން ފެށިއެވެ. ޒަޚަމްވެފައިވާ އެ އެތް ދާންފެށުމުން، މުސްލިމް ސިފައިން ދުރަށް ޖެހި، އެ އެތް ދާން މަގު ދެއްކިއެވެ.
ލިބެމުންދިޔަ ގަދަ ވޭނުގެ ސަބަބުން، އެ އެތްތައް ބިރުވެރި ގޮތަކަށް ހޭރެން ފެށިއެވެ. އެ އެތްތައް އީރާނުގެ ލަޝްކަރާ ދިމާލަށް ކުއްލިއަކަށް އެނބުރި، ލަޝްކަރުގެ ސަފުތަކުގެ ތެރެއަށް ވަދެގަތެވެ. ލޯކަނުވެފައިވާ އެތްތައް ދެކޮޅުދެކޮޅަށް ދުވަމުން ގެންދިޔައެވެ. މިތަން ފެނި، އެ ލަޝްކަރުގައި ތިބި އެތްތަކުގެ ފައުޖު، އެ އެތްތަކުގެ ފަހަތުން ދުއްވައިގަތެވެ. އެ ސޫފިތަކުގެ ހޮނޑުތައް މައްޗަށް އުފުލައި، ނުހަނު ބިރުވެރި ގޮތަކަށް ހަޅޭލަވަމުން ދުވަމުން ދިޔައިރު، އެސޮރުމެން ގެންދިޔައީ ޖެހޭ ކޮންމެ އެއްޗެއް ސުންނާފަތި ކުރަމުންނެވެ. އެންމެ ފަހުން، އެ އެތްތައް ޢަތީޤް ކޯރަށް ފުންމާލައި، އަނެއް ފަރާތު އައްސޭރީގައިވާ މަދާއިނުގެ ތެރެއަށް ވަދެ، ލޮލުކޮޅަށް އޮބާލައިފިއެވެ.
އެތްތައް ދުއްވަން ތިބި މީހުން، އެ ސޫފިތައް ފިލައިގެން ދިޔަނުދީ ހިފެހެއްޓުމަށް ނުހަނު ބޮޑަށް މަސައްކަތްކުރިއެވެ. ނަމަވެސް، އެކަންވީ މުޅިން ނާކާމިޔާބެވެ. ފޫނެއް ފަޔަށް ފެންފުރުން ފަދަ ކަމަކަށެވެ. އެތްތަކުގެ ބުރަކަށިމަތީގައިވާ ހައުދަޖުތަކުގައި ތިބި އެންމެންވަނީ މަރުވެގޮސްފައެވެ. އެތްތަކުގެ މުސީބާތުން ސަލާމަތްވުމާއެކު، މުޅި ހަނގުރާމައިގެ މައިދާނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. އެއީ ދެފަރާތުގެ ލަޝްކަރުގެ ސިފައިންވެސް، ކުއްލި ސިހުމަކާއި ބިރުވެރިކަމެއްގެ ތެރޭގައި ތިބެ، މި ބިރުވެރި، ނާމާން މަންޒަރަށް ބަލަން ތިބުމުގެ ސަބަބުންނެވެ.
- ނުނިމޭ -