މާލެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުން ހަރުދަނާކުރުމަށް އެކުލަވާލާފައިވާ "ޓްރެފިކް އެންހޭންސްމަންޓް ޕްލޭނު" ގެ ދަށުން، މާލެ އާއި ހައިވޭގައި ޓްރެފިކް އެންމެ ބާރުބޮޑުވާ ގަޑިތައް ދެނެގަނެ، އެ ވަގުތުތަކުގައި ޓްރެފިކް ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިފިއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ޠަލްހަތު އަޙްމަދު ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މާލެ ސަރަހައްދަށް ޚާއްސަ މިފަދަ ޕްލޭނެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މާލޭގެ ބައެއް ސަރަހައްދުތަކުގައި ވަކި ވަގުތުތަކެއްގައި ޓްރެފިކް ގަވާއިދާ ޚިލާފުވުމާއި އެހެނިހެން ކުށްތައް އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، ނަމަވެސް ފުލުހުން އެ ސަރަހައްދުތަކުގައި ތިބޭނަމަ އެފަދަ މައްސަލަތައް ދިމާނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޠަލްހަތު ވިދާޅުވީ، "އެންމެ ބާރުބޮޑުވާ އޮފީސްގަޑިތަކާއި ސްކޫލް ފެށޭ ނިމޭ ގަޑިތަކުގައި ހުރިހާ ވެހިކަލްތައް އަންނައިރު އަޅުގަނޑުމެންގެ ކުއްޖަކު އެތާ ނެތްކަމަށްވާނަމަ އެކަކު އަނެކަކަށް ފުރުސަތު ނުދީ ބަރުގޮނު އަޅާ ތިބެނީ. އެކަމަކު އަޅުގަނޑުމެންގެ ކުއްޖަކު އެތާ ހުންނަ ކަމަށްވާނަމަ ހަމަ ހުރިހާ ބޭފުޅުންވެސް އެކަކު އަނެކަކަށް ފުރުސަތު ދީގެން އަޅުގަނޑުމެން އަދި ނުބުނި ކަމުގައިވީނަމަވެސް އެ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ. އެހެންވީމަ މި އެންހޭސްމަންޓް ޕްލޭނަކީ ފުލުހުން އެތަނެއްގައި ތިބެގެން ގައިޑްކޮށްދިނުން،" ކަމަށެވެ.
މި ޕްލޭންގެ ދަށުން ފުލުހުން ވަނީ ޓްރެފިކް ބާރުބޮޑުވާ މައިގަނޑު ސަރަހައްދުތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ސިނަމާލެ ބްރިޖު ހައިވޭ - ބޮޑުތަކުރުފާނު މަގުން އާޓީފިޝަލް ބީޗާ ހަމައަށް އޮންނަ ސަރަހައްދު - ސޯސަން މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު - ޗާންދަނީމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު - މާވެޔޮމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދު - މާފަންނު ސަހަރާ ސަރަހައްދު
މި ސަރަހައްދުތަކުގައި ޓްރެފިކް ބާރުބޮޑުވާ ގަޑިތަކުގައި އުޅަނދުތަކާއި ހިނގާފައި އުޅޭ އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުން ދާއިމީކޮށް ހަރަކާތްތެރިވަމުންދާނެއެވެ.