ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ވަރުގަދަކުރުމުގެ ގޮތުން، 20 މެގަވޮޓުގެ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާއިމުކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ. މި މަޝްރޫއަކީ އެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ޑިމާންޑަށް އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މި އައު ޕަވަރ ހައުސް ގާއިމުކޮށް ނިންމުމަށް ރާވާފައިވަނީ 2028 ވަނަ އަހަރާ ހަމައަށެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި، ދިގު މުއްދަތުގެ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުމުގެ ޒިންމާ ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެ ކުންފުނިން އަންނަނީ އެ ސަރަހައްދުގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މީގެ އިތުރުން، ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކުރުމަށްޓަކައި މި މަހުގެ 21 އިން 31 އަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މަސައްކަތްތަކަކީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، މި ޓެކްނިކަލް މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފައެވެ.