އިނގިރޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ވިސާގެ ކަންކަން ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މާލޭގައި ވަގުތީ ވިސާ ސެންޓަރެއް ހުޅުވުމަށް ވީއެފްއެސް ގްލޯބަލްއިން ނިންމައިފިއެވެ. މި ސެންޓަރުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޮގަސްޓު މަހުގެ 10 އިން 12 އަށް މާގިރި ހޮޓަލުގައެވެ.
މި ވަގުތީ ސެންޓަރު މެދުވެރިކޮށް ޚިދުމަތް ދިނުމުގެ އެންމެ ބޮޑު ބޭނުމަކީ ވިސާ ހޯދުމަށްޓަކައި ރާއްޖޭން ބޭރަށް ދަތުރުކުރަންޖެހޭ ޖެހުން ނައްތާލައި، މާލޭގައި ތިބެގެން ބަޔޮމެޓްރިކްސް ދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ދަތުރުފަތުރަށް ހިނގާނެ ބޮޑެތި ޚަރަދުތަކެއް ސަލާމަތްވެގެންދާނެއެވެ.
މި ވަގުތީ ސެންޓަރުން ޚިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން އިނގިރޭސިވިލާތުގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅަންޖެހެއެވެ. އަދި ފޯމު ހުށަހެޅުމަށްފަހު، ވިސާ ސެންޓަރަށް ހާޒިރުވުމަށް އެޕޮއިންޓްމަންޓް ބުކްކުރަން ޖެހޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މިއީ ޚާއްޞަކޮށް އިނގިރޭސިވިލާތަށް ކިޔަވަންދާ ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ހިންގާ ހަރަކާތެކެވެ. "މި ޚިދުމަތުގެ ސަބަބުން، ވިސާ ހޯދުމަށް ރާއްޖޭން ބޭރަށް ދާންނުޖެހި މާލޭގައި ތިބެގެން ބަޔޮމެޓްރިކްސް ދިނުމުގެ ފުރުސަތު ލިބޭނެ،" ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ކިޔަވާ ދަރިވަރުންގެ އިތުރުން އެހެނިހެން ބޭނުންތަކަށް އިނގިރޭސިވިލާތަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް މި ވަގުތީ ސެންޓަރު މެދުވެރިކޮށް ވިސާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮންނާނެއެވެ.