ހުރިހާ ކުންފުންޏެއްގެ އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް އަންގައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ހުރިހާ ކުންފުންޏެއްގެ އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް އަންގައިފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމަށްޓަކައި، އިތުރުގަޑީގެ ފައިސާ ދިނުމާ ގުޅޭ އުސޫލުތައް އިސްލާހުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ) އިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީތަކަށް އަންގައިފިއެވެ.

ޕީ.ސީ.ބީ އިން 21 ޖުލައި 2026 ގައި ކުންފުނިތަކަށް ފޮނުވި ސާރކިއުލާގައި އިރުޝާދުދީފައިވަނީ، ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އޯޓީ ދޭ އުސޫލު ބަދަލުކުރުމަށެވެ. މި ނިންމުމުގެ މަގުސަދަކީ އިތުރުގަޑީގެ މަސައްކަތް ބެލެހެއްޓުމުގައި ހުރިހާ ކުންފުންޏަކުންވެސް އެއް އުސޫލަކަށް އަމަލުކުރުމެވެ.

މިހާރުވެސް އިތުރުގަޑީގެ ފައިސާ ދިނުމުގައި ވަކި ކެޕެއް ކަނޑައަޅާފައިވާ ކުންފުނިތަކުން، އެ ކުންފުނިތަކުގެ މިހާރުގެ އުސޫލުތަކާއި މި އައު 48 ގަޑިއިރުގެ އުސޫލު އަޅާކިޔައި، ކުންފުންޏަށް މާލީގޮތުން އެންމެ ފައިދާހުރި އަދި ޚަރަދު ކުޑަ ގޮތެއް އިޚްތިޔާރުކުރުމަށް ޕީސީބީއިން ވަނީ އަންގާފައެވެ.

މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުމަށާއި، މުވައްޒަފުންގެ މެދުގައި މަސައްކަތްތައް ހަމަހަމައަށް ބެހުމަށާއި، ބޭކާރު ގޮތުގައި އިތުރުގަޑީގެ މަސައްކަތަށް ބަރޯސާވުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ. އަދި އިތުރުގަޑީގެ ޚަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން، ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ޕީ.ސީ.ބީ އިން އަންގާފައިވަނީ 30 ޖުލައި 2026 ގެ ކުރިން ކުންފުނިތަކުގެ އޯޓީ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ނިންމުމަށެވެ. މި އިސްލާހުކުރެވޭ އުސޫލުތަކަށް އަމަލުކުރަން ފަށާނީ 1 އޯގަސްޓް 2026 އިން ފެށިގެންނެވެ.

މިއަދު އޮންލައިން