މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދަޢުލަތުން ސަބްސިޑީއަށް ކުރި ޚަރަދު 3.13 ބިލިޔަން ރުފިޔާއަށް އަރާފައިވާކަން މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 86 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ރިޕޯޓު' ގައިވާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތުން ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.7 ބިލިޔަން ރުފިޔާއެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް މި އަދަދު ވަނީ 3.13 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ސަބްސިޑީގެ ހޭދަ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރި ޚަރަދު ބޮޑުތަނުން އިތުރުވުމެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ސަބްސިޑީއަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ދައުލަތުން ސަބްސިޑީ ދެނީ އަސާސީ މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދަށްވުރެ އަގުހެޔޮކޮށް ރައްޔިތުންނަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ. މީގެ ތެރޭގައި ކާޑުގެ ބާވަތްތަކާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ އަދި ކުނި މެނޭޖުކުރުމުގެ ޚިދުމަތް ހިމެނެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ދިނުމަށް ހިނގާ ޚަރަދާއި، ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ހަމަޖައްސަނީ ދައުލަތުގެ ބަޖެޓުންނެވެ. ސަބްސިޑީގެ ޚަރަދު ބޮޑުވަމުންދާއިރު، މިއީ ދައުލަތުގެ މާލިއްޔަތަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމެއްގެ ގޮތުގައި މާލީ މާހިރުން ފާހަގަކުރެއެވެ.