އަހުރެންގެ ގާތަށް ލަފާހޯދަން އަންނަ ބައެއް އަނބިންނާއި ފިރިންގެ ފަރާތުން އެނގޭކަމެއްގެ ވާހަކަ ބުނެލާނަމެވެ. އެއީ ދެމަފިރިން އެކުގައި އެއްދާންކުރިޔަސް ހިތްހަމަނުޖެހެވޭކަމާއި އެހެން މީހުންނަށް ކަޅިއެޅޭކަމެވެ. އެވާހަކަ ތެދަށް ކިޔައިދޭން ކެރެނީ މަދު ބައަކަށެވެ. އެއީ އެކުރެވެނީ ކުށަކަށްވެފައި އަދި ލަދުވެތިވެސް ކަމަކަށްވާތީއެވެ.
ކިޔައިދޭ މީހުންގެ ކިބައިން އެނގޭ ގޮތުގައިވެސް އަދި އެކަން އޮތްގޮތަށްބަލާއިރުވެސް މިމައްސަލަ ޖެހެން މެދުވެރިވަނީ އެއް ސަބަބެކެވެ. ދެމަފިރިންގެ ގުޅުމުން (އެކަންކުރެވޭގޮތުން) ލިބެންވާ ހިތްހަމަޖެހުން ނުލިބުމެވެ.
ހިތްހަމަޖެހުން ނުލިބެނީ ބޭނުންތައް ނުފުދޭތީއެއް ނޫނެވެ. ކަންކަން ކުރެވޭ ގޮތުންނެވެ. ލޯތްބާއި ނުލައި ގުޅުން ހިންގޭތީއެވެ. އެކަމަށް އެކަށީގެންވާ ވަޤުތު ނުދެވި އަވަސް އަރުވައިލެވޭތީއެވެ.
ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ފަރުވާތެރިވާންޖެހޭ ކަމެކެވެ. އެންމެ ބޮޑުކަމަކީ ކަމެއް ކުރުމެއް ނޫނެވެ. ކުރާ ކަންތަކުން ހިތްހަމަޖެހުން ލިބުމެވެ. ލޯތްބާއި އަޅައިލުމާއިއެކު ކަންކަން ކުރުމެވެ. އެކަން އެގޮތަށް ކުރެވޭނީ އެކަށީގެންވާ ވަރަށް ވަޤުތު ހޭދަކޮށްގެންނެވެ.
ބައެއް މީހުން ބުނަނީ އަވަސްކުރެވެނީ މޫޑްހުންނަ ގޮތުން ކަމަށެވެ. މޫޑުގެ މައްސަލަ ކުރިމަތިވަނީ ކަންކަން ދުރާލައި ރާވައިގެން ނުކުރެވޭތީއެވެ. އަދި އަނެކާގެ މޫޑަށް ތިމާވެސް އިޙްތިރާމްކުރަންޖެހޭނެކަން ޤަބޫލުނުކުރެވޭތީއެވެ. ވީމާ ފުރަތަމަ ކަމަކަށް އަނެކާގެ މޫޑާއި އެއްގޮތަށް ތިމާގެ މޫޑު ބަދަލުކުރާށެވެ.
އެއްވެސް މީހަކީ ތިމާގެ ބައިވެރިޔާ އެހެން މީހަކަށް ކަޅިއަޅައިލަންވެސް ބޭނުންވާނެ މީހެއް ނޫނެވެ. ވީމާ އޮތީ ކަމެއް ދިމާވުމުން ރުޅި އައުމެއް ނޫނެވެ. ކަންކަން ދިމާނުވާނެ ގޮތަށް ކަންކަން ކުރުމެވެ.
މިގޮތަށް ވިސްނާށެވެ! ބަނޑުހައިވުމުން ކޮންމެ މީހަކުވެސް ކާން ބޭނުންވާނެއެވެ. ބޭނުންވާ ކޮންމެވަޤުތަކުވެސް ކެވޭނެ ގޮތަށް ފްރިޖުގައި އެއްޗެތި ބަހައްޓާނަމަ އެކަން ފަސޭހަވާނެއެވެ. އެކަމަކު ފުރިޖުގައި އެއްޗެތި ބެހެއްޓޭނީ ގެއަށް އެއްޗެތި ވައްދާފައި ބެހެއްޓުމުންކަން ޤަބޫލުކުރަންވާނެއެވެ. ވީމާ މައްސަލަ ޙައްލުކުރެވޭނީ ދެމީހުންވެސް އެކަމަށް ސަމާލުކަންދީގެންނެވެ.
މިވާހަކަ ހާމަމިކުރީ މިކަމަކީ ކައިވެނި އުފާވެރިކަންމަތީގައި ދަމަހައްޓަން ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދޭންޖެހޭ ކަމަކަށްވާތީއެވެ. ނުދެވޭނަމަ ޖެހޭ މައްސަލަތައް ގިނަވާނެއެވެ. ވަކިވާންޖެހޭ ފަދަ މައްސަލަތައްވެސް ކުރިމަތިވާނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން / މިއަދުނޫސް