ފަށްކުރުމެއް!: ޢިލްމް އުނގެނުމަށާ ކަންކަން ކުރިމަތިވެ ތަޖުވީދުމަގުން އަކުރުތައް ކިޔުމަށާ ޤުރްއާން ކިޔަވަން އުނދަގޫވާ ކުދިން ކުރަން އޮތް ދުޢާއެއް- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ފަށްކުރުމެއް!: ޢިލްމް އުނގެނުމަށާ ކަންކަން ކުރިމަތިވެ ތަޖުވީދުމަގުން އަކުރުތައް ކިޔުމަށާ ޤުރްއާން ކިޔަވަން އުނދަގޫވާ ކުދިން ކުރަން އޮތް ދުޢާއެއް- ޤުރްއާނުން-

ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ ދަރުސެއްގައި މިދުޢާ ބަޔާންކޮށްދެއްވީ ކުޑައިރު ވާހަކަދައްކަން އުނދަގޫ އެކަމަކު މިހާރު ވަރަށް ރިވެތިކޮށް ޤުރްއާން ކިޔަވައިވިދާޅުވާ، ވާހަކަފުޅު ދައްކަވަންވެސް ކުޅަދާނަ ޝައިޚެކެވެ. ވީމާ ދުޢާ ބަޔާންކޮށްދެއްވީ އަމިއްލަފުޅު ތަޖުރިބާގެ މައްޗަށް ބައްލަވައިގެން ކަމަށް ޤަބޫލުކުރެވެއެވެ.  

ދަރުސް:  

ބައެއް ކުދިންނަކީ އެކިކަހަލަ މައްސަލަތައް ހުރެ ތަޖުވީދުމަގުން އަކުރުތައް ކިޔައި އަދި ޤުރްއާން ކިޔަވަން އުނދަގޫވާ ކުދިންނެވެ. އެފަދަ ކުދިން މިދުޢާކުރާށެވެ! މިއީ ޤުރްއާން ކިޔަވަންވެސް ޤުރްއާނުގެ ޢިލްމް އުނގެނެންވެސް އަދި އެހެން ޢިލްމެއް އުނގެނެންވެސް އުދަގޫވާނަމަ ކުރަން އޮތް ދުޢާއެކެވެ.  

رَبِّ اشْرَحْ لِي صَدْرِي

"އަޅުގެ ވެރިރަސްކަލާކޯއެވެ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ!"

(ޠާހާ: 25)

 وَيَسِّرْ لِي أَمْرِي

" އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!"

(ޠާހާ: 26)

وَاحْلُلْ عُقْدَةً مِّن لِّسَانِي

" އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ!)"

(ޠާހާ: 27) 

ޢިލްމް ޙާޞީލްކުރެވޭނީ އެމީހެއްގެ ހިތް ހުޅުވި ތަނަވަސްވެގެންނެވެ. ޝައިޠޯނާގެ ވަސްވާސްތަކުންނާއި (ތިމާއަށް ފައިދާއެއް ނުކުރާނެ) ދުނިޔަވީ އެދުންތަކުން ސަލާމަތްކުރެވިގެންނެވެ. ހަމައެއާއިއެކު އެކަން ﷲ ތަޢާލާ ފަސޭހަކޮށްދެއްވެވުމުންނެވެ. ޤުރްއާން ކިޔެވިނަމަވެސް އަދި ވާހަކަދެއްކި ނަމަވެސް ދުލަށް އެކަންކަން ފަސޭހަވެގެންނެވެ.  

މިހުރިހާ ކަމެއް މިބަޔާންކުރި ދުޢާގައި ހިމެނިގެންވެއެވެ.  

ޢިލްމްވެރިން ދަރުސް ދެއްވަން ނުވަތަ ކަންކަން ބަޔާންކޮށް ދެއްވަން ފަށްޓަވަމުންވެސް ވަރަށް ގިނައިން މިދުޢާ ކުރައްވައެވެ. އަދި މިއާޔަތްވެސް ވިދާޅުވެއެވެ. އެއީ ދަރުސްގައި ދައްކަވާ ވާހަކަފުޅު މީސްތަކުންނަށް ފަހުމްވުމަށް އެދިވަޑައިގެންނެވެ.  

يَفْقَهُوا قَوْلِي

" އެއީ ތިމަންކަލޭގެފާނުގެ ބަސް އެއުރެންނަށް ވިސްނި، އެނގުމަށްޓަކައެވެ."

(ޠާހާ: 28)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން