ފީޖީގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ފީޖީގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ފީޖީ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ހައި ކޮމިޝަނަރ، ހިޒް އެކްސެލަންސީ ޖަގަންނާތު ސާމީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ހައި ކޮމިޝަނަރ ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ފީޖީގެ އައު ހައި ކޮމިޝަނަރ، އެމަނިކުފާނުގެ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ހައި ކޮމިޝަނަރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފީޖީއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ހައި ކޮމިޝަނަރ ވަނީ، ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ފައިދާއަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެއްބާރުލުން އިތުރުކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ވެސް ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ފީޖީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ.

މިއަދު އޮންލައިން