ކިއުބާ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 25ސ
ކިއުބާ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސެލެންސީ ޕެޓްރީޝިއާ ލާޒަރާ ޕެގޯ ގުއެރާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުގެ ފަތްކޮޅު ޤަބޫލުފުޅުކުރައްވައި، އެކަމަނާއަށް ރަސްމީގޮތުން މަރުޙަބާ ވިދާޅުވެފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި ކިއުބާގެ ސަފީރު ވަނީ ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ޞިއްޙީ ދާއިރާ ތަރައްޤީކުރުމާއި، މަތީ ތަޢުލީމާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން، ޚާއްޞަކޮށް ވޮލީބޯޅަ ކުރިއެރުވުމަށް އެއްބާރުލުން ދިނުން ހިމެނެއެވެ. ހަމަމިއާއެކު، އދ. ގައި ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމުންގެންދާ އެއްބާރުލުމަށް ކިއުބާގެ ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ދެބޭފުޅުންވެސް ވަނީ ދެ ޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 29 ޖަނަވަރީ 1977 ގައެވެ.

މިއަދު އޮންލައިން