ދިވެހިރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށްޓަކައި، އެ ތަކެތި އެކްސްޕޯޓްކުރާ ގައުމެއްގެ ލެބޯޓަރީއަކުން ބަލި ނެތްކަން އަންގައިދޭ ޓެސްޓް ރިޕޯޓެއް ހުށަހަޅަންޖެހޭ ގޮތަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ރުއްތަކަށް މި ސަރަހައްދުގެ ގައުމުތަކުގައި ފެތުރޭ ނުރައްކާތެރި ބަލިތަކާއި ޖަރާސީމުން ސަލާމަތްކުރުމަށް އެޅި ކަރަންޓީން ފިޔަވަޅެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ފިޔަވަޅަކީ ރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އެކްސްޕޯޓްކުރާ ގައުމުތަކުގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަންތަކާ މަޝްވަރާކުރުމަށްފަހު ނިންމާފައިވާ ނިންމުމެކެވެ. މި މަޝްވަރާތަކުގެ ތެރެއިން، އިންޑިއާގައި 'ލީތަލް ޔެލޯވިންގ' އަދި 'ކަޑަން ކަޑަން ޑިޒީސް' ނެތްކަން، އިންޑިއާގެ ނެޝަނަލް ޕްލާންޓް ޕްރޮޓެކްޝަން އޯގަނައިޒޭޝަނުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.
ރުކަށް ޖެހޭ ބަލިތައް ކަމަށްވާ 'ބަޑް ރޮޓް' އަދި 'ރޫޓް ރޮޓް' ޕެތޮޖެންސްއަށް ޓެސްޓް ކުރުމުގެ ގާބިލުކަން ހުރި ތަންތަނުގެ ގޮތުގައި އިންޑިއާގެ ޕްލާންޓް ކަރަންޓީން ސްޓޭޝަންތަކުގެ ލެބޯޓްރީތަކާއި، އިންޑިއަން އެގްރިކަލްޗަރަލް ރިސަރޗް އިންސްޓިޓިއުޓްތަކުގެ އިތުރުން ސްޓޭޓް އެގްރިކަލްޗަރަލް ޔުނިވާސިޓީތައް ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި މި ޓެސްޓްތައް ހެދުމުގެ ގާބިލުކަން ހުރި މުއައްސަސާތަކުގެ ލިސްޓާއި، ރާއްޖެއަށް ރުކާއި ރުކުގެ ބައިތައް އެތެރެކުރުމާ ގުޅޭ އުސޫލުތައް އާންމުކޮށްފައެވެ. މި އުސޫލުތަކުގެ ބޭނުމަކީ ރާއްޖޭގެ ދަނޑުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމެވެ.
ރުކާއި ރުކުގެ ބައިތައް ރާއްޖެ އެތެރެކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.