5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރ. އިނގުރައިދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން ރ. އިނގުރައިދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފި

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ" ބޮޑު މަޝްރުޢޫގެ ދަށުން، ރ. އިނގުރައިދޫގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.

މި ހަރަކާތަކީ ތިމާވެށި ހިމާޔަތްކުރުމަށާއި، ރަށް ފެހިކުރުމުގެ މަޤްޞަދުގައި މިނިސްޓްރީއާއި، އިނގުރައިދޫ ކައުންސިލް އިދާރާގެ އިތުރުން ރަށުގެ ކަމާގުޅޭ އެހެނިހެން މުއައްސަސާތަކާއި ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ޚާއްޞަ މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އަލްފާޟިލް ޢަލީ ޝަރީފެވެ. މިނިސްޓަރގެ އިތުރުން ރަށުގެ ކައުންސިލް މެންބަރުންނާއި، ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ދަރިވަރުން ވަނީ މި ހަރަކާތުގައި ބައިވެރިވެ، ރަށުގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދާފައެވެ.

މި ހަރަކާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ތަޞައްވުރަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އިނގުރައިދޫގައި މި ފެށުނު މަސައްކަތަކީ މުޅި ރާއްޖެ ފެހިކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރުޢޫގެ ދަށުން އިންދާ ގަސްތަކަކީ ރާއްޖޭގެ މާޙައުލާ ގުޅޭ، ހިޔާލިބޭ އަދި މޭވާ އަޅާ ބާވަތްތަކުގެ ގަސްތަކެކެވެ. އިނގުރައިދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ހަރަކާތުގެ ދަށުން އިންދާ ގަސްތައް ބަލަހައްޓައި، ބޮޑުވަންދެން ބެލެހެއްޓުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މިއަދު އޮންލައިން