ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށްޓަކައި، ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް މުހިންމު އަޕްޑޭޓްތަކެއް ގެނެސްފިއެވެ. މި ބަދަލާއެކު ބޭންކުގެ ޑިޖިޓަލް އެސިސްޓަންޓް 'އާޔާ' އަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައެވެ.
މި ގެނެވުނު އަޕްޑޭޓްގެ ސަބަބުން 'އާޔާ' މެދުވެރިކޮށް ކަސްޓަމަރުންގެ ސުވާލުތަކާއި ބޭނުންތަކަށް އަވަސް ހައްލެއް ލިބި، ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި އިތުރު ހަލުވިކަމާއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް މިހާރު ލިބިގެންދާނެއެވެ.
މި އާ ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގައި ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި މެސެޖިންގ ފީޗަރ މެދުވެރިކޮށް ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު ވަނީ މެދުކަނޑާލެވިފައެވެ. މީގެ ބަދަލުގައި ހުރިހާ ޚިދުމަތްތަކެއްވެސް 'އާޔާ' މެދުވެރިކޮށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މިއީ ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން ކަށަވަރުކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެކެވެ. މި ބަދަލަކީ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭންކުން މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.