ފާމަސީތަކުގައި ބެހެއްޓުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް، އެ ލިސްޓަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ. އެ އޮތޯރިޓީން ވަނީ ފާމަސީތަކުގައި ހުރުން ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު އަދާހަމަކޮށްފައެވެ.
އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އަލަށް އެކުލަވާލި ލިސްޓު ދެ ގްރޭޑަކަށް ގިންތިކުރެވިފައިވާ ކަމަށެވެ. މި ބަދަލާއެކު، ހުރިހާ ފާމަސީތަކެއްގައި ވެސް އޮތޯރިޓީން ކަނޑައަޅާފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި ބަދަލަށް އަމަލުކުރުމަށްޓަކައި މިހާރު ހިންގަމުންދާ ފާމަސީތަކަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެމްއެފްޑީއޭ އިން ބުނީ، "މި ބަދަލާ ގުޅިގެން މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކޮށްފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން ޖެހޭނެ" ކަމަށެވެ.
އަލަށް ހުޅުވާ ފާމަސީތަކާ ގުޅޭގޮތުން އެ އޮތޯރިޓީން ބުނީ، ފާމަސީ ރަޖިސްޓްރީ ކުރުމަށް ފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަން ޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށެވެ.
ފާމަސީތައް ގިންތިކޮށްފައިވާ ގޮތުގެ ތަފްސީލު ހިމެނޭ ގައިޑްލައިން މިހާރު ވަނީ އާންމުކޮށްފައެވެ. މި ގައިޑްލައިން އެމްއެފްޑީއޭގެ ވެބްސައިޓުންނާއި، ސިއްހީ ވުޒާރާގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.