އެއް އަންތބަށް ކައިވެނިކުރެވޭނީވެސް ޝަރުޠުހަމަވެގެން! ދެވަނަ ކައިވެނި ކުރުމުގެ ޙުކުމުގެ މާނަ އޮޅުވާނުލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 7ސ
އެއް އަންތބަށް ކައިވެނިކުރެވޭނީވެސް ޝަރުޠުހަމަވެގެން! ދެވަނަ ކައިވެނި ކުރުމުގެ ޙުކުމުގެ މާނަ އޮޅުވާނުލާ!

އަޅުގަނޑަކީ 2 ދަރިންގެ މަންމައެކެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އަބަދުވެސް އުޅެންޖެހެނީ ދަރަނިވެރިވާންޖެހިގެންނެވެ.

ބިލްތަކެއް ކުއްޔެއް ނެދެއްކެއެވެ. ހިޔާ ފްލެޓަށް ދައްކަންޖެހޭ ކުޑަމިންވަރުވެސް ނުދެއްކި މިހާރުވެސް ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ދަރަނިވެރިވެފައެވެ. ދަރިންގެ ސްކޫލް ކަންތައްތަކަށް ކުރަންޖެހޭ ޚަރަދުތައްވެސް އޮންނަނީ ނުކުރެވިފައެވެ. ކުދިން ތިބެނީ ދެރަވެފައެވެ. ދަރިންނަށް ރަނގަޅު ކާއެތިކޮޅެއް ނުދެވެއެވެ. މަހުގެ ފަހު ދިހައިގައި ދޭންޖެހެނީ ކަޅުސައިފޮދެކެވެ.  

އަޅުގަނޑުގެ މައްސަލައަކީ ފަޤީރު ޙާލުގައި އުޅެންޖެހުމެއް ނޫނެވެ. އެކަމަށް ކެތްތެރިވަމެވެ. މިވަރުވެސް މިންވަރުކުރައްވަވާތީ ޝުކުރުވެރިވަމެވެ. މައްސަލައަކަށްވެގެން މިއުޅެނީ މިފަދަ ދަތިޙާލުގައި އުޅެމުންވެސް ފިރިމިހާ ދެވަނަ ކައިވެނި ކުރަން ނުރުހޭކަމަށްބުނާތީ އަޅުގަނޑު ފާފަވެރިވާނެ ކަމަށް ބުނެ ބިރުދައްކާކަމެވެ. މިފަދަ ޙާލުގައި އުޅެމުންވެސް ދެވަނަ ކައިވެނިކުރަން ނުރުހުމަކީ ފާފަވެރިވާނެކަމެއްތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި އެއް އަންތބަށް ނުވަތަ ފުރަތަމަ ކައިވެނިކުރަންވެސް އޮތީ އަނބިމީހާގެ އަސާސީ ޚަރަދުތައް ބެލެހެއްޓޭނެނަމައެވެ. އެވަރުނުވާނަމަ ޢަމަލުކުރަން އޮތްގޮތްވެސް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ވީމާ އަނބިމީހާއާއި ލިބިފައިތިބި ދަރިންގެ އަސާސީ ބޭނުންތައް ފުއްދައި ނުދެވޭ މީހަކު އިތުރު އަނބިން ހޯދުން ހުއަދަވާނެ ގޮތެއް ނުވިސްނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ތިއަ މައްސަލަ ފެމިލީކޯޓުގައި ކިޔައިދޭށެވެ. ޤާޟީ ނިންމަވާނީ ރަނގަޅަށްކަމަށް ބަލާށެވެ.

މައްސަލައަކަށްވާނީ ޝަރުޠު ހަމަވާ ފިރިއަކު ދެއަންތބަށް ކައިވެނިކުރަން ދެކޮޅުހަދާނަމައެވެ. ޝަރުޠު ހަމަވާ ފިރިއަކު ދެއަންތބަށް ކައިވެނިކުރަން ދެކޮޅު ހެދުމެއް ނެތެވެ. އެކަމަކު އެއީ ތިމާއަށް ކެތްތެރިނުވެވޭނެ ވަރުގެ ކަމެއްނަމަ ރިވެތި ގޮތުގައި ދުރުވުމުގެ ޙައްޤު އަނބިންނަށް ލިބިގެންވެއެވެ. އެޙާލަތުގައިވެސް ދީނުގައި އޮތް ޙުކުމަށް އިންކާރެއް ނުކުރެވޭނެއެވެ.  

ގުޅުންހުރި ލިޔުމެއް!:  

ދެ އަތްނބަށް ކައިވެނިކުރުމާމެދު އިންކާރުކުރުމުގެ ޙުކުމް 

ސުވާލު؟

އިސްލާމީ މުޖުތަމަޢުގެ ބައެއް އަންހެނުން މިހާރު އިސްކަންދެނީ ހުޅަނގުގެ ޣައިރު މުސްލިމު މުޖުތަމަޢުތަކުގައިވާ ކާފިރުންގެ އިޖުތިމާޢީ އާދަކާދަތަކަށެވެ. އެ ގޮތުން، ބައެއް އަންހެނުން ދެކޭ ގޮތުގައި، ދެ އަތްނބަށް ކާވެނިކުރުމަކީ މަނާކުރަންޖެހޭ ކަމެކެވެ. އެ ކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ 

ޖަވާބު: 

ދެ އަތްނބަށް ކާވެނިކުރުމަށް ނަފުރަތުކޮށް އެ ކަމާމެދު ދެކޮޅުވެރިވެ، އެއަށްވުރެ ރަނގަޅު ގޮތަކީ އެންމެ މީހަކާ އިނދެގެން އުޅުން ކަމަށް ބުނެފި މީހާއަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވެފައިވާނެ ކާފިރެކެވެ. އެހެނީ، އޭނާ އެ އިންކާރުކުރީ މާތްﷲ ޝަރުޢުކުރައްވާފައިވާ ޙުކުމްފުޅަކާމެދުގައެވެ. 

މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

(ذَٰلِكَ بِأَنَّهُمْ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَٰلَهُمْ) މުޙައްމަދު: 9

މާނައީ "އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ." 

މާތްﷲ ބާވައިލައްވާފައިވާ ޙުކުމްފުޅަކާމެދު ނަފުރަތުކޮށްފި މީހާގެ ޢަމަލުތައް އެކަލާނގެ ބާޠިލުކުރައްވާނެތެވެ. އިސްލާމްދީނުގައި ދެ އަތްނބަށް ކާވެނިކުރުން ޝަރުޢުކުރައްވާފައިވާ ކަމީ، އަންހެނުންގެ މައްޗަށް އޮތް އަނިޔާވެރިކަމެއް ކަމުގައި ދެކެފި މީހާއާއި، އެއީ އިސްލާމްދީނުގައިވާ އުނިކަމެއް ކަމުގައި ދެކެފި މީހާއާއި، އިސްލާމީ ޝަރުޢާ ޚިލާފަށް ނަޞާރާދީނުގެ ޤައުމުތަކުގައި ޢަމަލުކުރާ ގޮތް މާ ރަނގަޅު ކަމަށް ދެކެފި މީހާއަކީ، އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާނެ މީހެކެވެ. 

އޭނާގެ މިސާލަކީ، އިސްލާމްދީނުގައި ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖު ފަރުޟުކުރެއްވުމާމެދު އިންކާރުކުރާ މީހާގެ މިސާލެވެ. އެ އިން ކޮންމެ ކަމެއް ފަރުޟުކުރެއްވުމަށްވުރެ، ފަރުޟު ނުކުރެއްވުން ރަނގަޅު ކަމަށް ބުނެފި މީހާ އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ.

ހަމައެހެންމެ، މާތްﷲ ބާވައިލައްވާފައިވާ ޙުކުމްފުޅުގައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރުން ހުއްދަވާނެ ކަމަށް ނުވަތަ މާރަނގަޅުވާނެ ކަމަށް ބުނެފި މީހާ ވެސް އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ. 

ޚުލާޞާއަކީ، މާތްﷲ ޝަރުޢުކުރައްވާފައިވާ ކަމަކާ ދެކޮޅުވެރިވެ، އެ ކަމަށް ނަފުރަތުކޮށްފި މީހާ، އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ. ހަމައެހެންމެ، މާތްﷲ ޙަރާމްކުރައްވާފައިވާ (ޒިނޭކުރުމާއި ވައްކަންކުރުން ފަދަ) ކަންކަމަކާމެދު ރުހި ޤަބޫލުވެ އެ ކަންކަމަށް ލޯބިކޮށް، އެ ކަންކަން ކޮށްފި މީހާ ވެސް އިސްލާމްދީނުން ބޭރުވެ މުރުތައްދުވެ ކާފިރުވާނެއެވެ. 

ޖަވާބުދެއްވީ: ސަމާޙަތުއްޝައިޚު އިބްނު ބާޒު (ރަޙިމަހުﷲ)

ތަރުޖަމާ ޢަބްދުލް މުޢީދު ޙަސަން 

(މިބަސްފުޅަކީ ފަހުގެ ދީނީ ޢިލްމްވެރިންގެ ތެރެއިން އަރާހުންނެވި ސަޢުދިޢަރަބިޔާގެ ކުރީގެ އިސް މުފްތީ ސަމާޙަތުއްޝައިޚު އިބްނު ބާޒު (ރަޙިމަހުﷲ) ވިދާޅުވެފައިވާ ބަސްފުޅެއްގެ ތަރުޖަމާއެވެ. ވީމާ ބަޔާންކުރައްވާފައިވާ ޙުކުމަށް ފާޑުކިޔުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.)

 

މިއަދު އޮންލައިން