"އިއްޔެ އުޅުނީ ޙަރާމް ޙަލާލެއް ބަލައިލުމެއް ނެތި ހިތަށްއެރިހައި ކަމެއް ކުރާށެވެ! ރޭ އުފަލާ މަޖަލުގައި ކޮފީތަކުގައެވެ. ފާޙިޝް ޢަމަލުތައް ކުރުމާއި ކުޅިވަރުކުޅުމާއި މަޖާކުރުމުގައެވެ. މިރޭ ކޮންމެވެސް ކަމެއް ދިމާވެގެން ބަލިޙާލުގައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އައިސީޔޫގައެވެ. ވެންޓިލޭޓަރުގައެވެ. ތައުބާ ނުވެވުނު މީހުން މިއަދު ކައްވަޅުގެ ޢަޛާބުގައެވެ."
މިއީ ޚިޔާލީ ފޮލައެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް ގިނަ ބައަކަށް ކުރިމަތިވަމުން އަންނަ ޙާލަތެވެ.
މީސްތަކުންނޭވެ! މުޅި ދުނިޔެއަށް މިއަދު މިދަނީ ތަފާތު މުޞީބާތްތައް ކުރިމަތިވަމުންނެވެ. އެއްބައި ޤައުމުތަކަށް ޤުދްރަތީ ކާރިސާތަކުގެ ސަބަބުންނެވެ. އަނެއްބައި ޤައުމުތަކުގައި ފެތުރެމުންދާ ބަލިތަކުގެ ސަބަބުންނެވެ. އަނެއްބައި ޤައުމުތަކަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ސަބަބުންނެވެ. އަނެއްބައި ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުންނެވެ.
މިއިން އެއްވެސް ކަމަކީ ވާހަކަ ދެއްކުމުގެ ނުވަތަ އަޑުއުފުލުމުގެ ބާރު ލިބިގެންވާ ކަންކަން ނަމަ އަޑު އުފުލައި މީސްތަކުންނަށް ސަބަބުތައް ބަޔާންކޮށްދިނީހެވެ. ނަމަވެސް އެކަން ﷲ ތަޢާލާ ލައްވަވާފައިވަނީ އެގޮތަކަށް ނޫނެވެ. އެކަން ވަނީ އެކަންކަމަށް ވިސްނައި ފިކުރުކުރަން މީސްތަކުންނަށް އިޚްތިޔާރު ދެއްވަވައި ދޫކޮށްލައްވަވައިފައެވެ. ހިތާމައަކީ މިކަންކަން ލޯތަކަށް ފެނި ތަޖުރިބާކުރެވެމުން އަންނައިރުވެސް މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިކަންކަން ނުވިސްނޭ ކަމެވެ.
މީސްތަކުންނޭވެ! އާދޭސްކުރަމެވެ! އާދޭސްތަކުރާރުކޮށް ސަލާން ޖަހަމެވެ! ދުނިޔޭގައި މިވަގުތު ހިނގަމުން މިދާ ކަންކަމަށް ފުންކޮށް ވިސްނައިލާށެވެ! މުޅި ދުނިޔެ މިވަނީ ބަލިކަށިވެ ނިކަމެތިވެ ގޮތްހުސްވެފައި ނޫންހެއްޔެވެ؟ ތެދުވެ ހިންދެމިލާނެ ބާރުވެސް އޮތީ ކާކަށް ހެއްޔެވެ؟ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވާ ފަރާތަކީ ހަމައެކަނި ﷲ ތައާލާކަން ޤަބޫލުކުރަން މިވަރުންވެސް ނުފުދެނީ ހެއްޔެވެ؟
މިހާރު ދުނިޔޭގައި ހުރެ މިކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވުނު މީހަކަށް ޢިބްރަތް ޙާޞިލުކުރެވޭނެ ދުވަހެއް ފެންނާނެކަމަށް ބުނެވޭކަށް ނެތެވެ! ފެންނަމުން މިދާ ކަންކަމުން ޢިބްރަތް ޙާޞިލު ނުކުރެވުނު މީހަކަށް ޤިޔާމަތުގެ ތާޅަފިލީގެ އަޑު އިވުނު ނަމަވެސް ކަމެއް ވިސްނޭނެކަން ވެސް ޤަބޫލުކުރެވޭކަށް ނެތެވެ!
މީސްތަކުންނޭވެ! ޢިބްރަތް ޙާޞިލުކުރާށެވެ! ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ އަމިއްލަ ނަފްސާއި ޢާއިލާ ނަރަކައިން ސަލާމަތްކުރުމަށެވެ! އަވަސްވެގަންނަންވީ ތައުބާވެ ހެޔޮ އަމަލުތައް ކުރުމަށެވެ! ތިމާއަށް މާދަމާ ކުރިމަތިވާނެ ޙާލަތު އެނގެނީ ކާކަށް ހެއްޔެވެ؟ މަރާއި ކުރިމަތިލާންޖެހޭނެ ޙާލަތާއި ވަޤުތު އެނގެނީ ކާކަށް ހެއްޔެވެ؟
މިޙާލަތުގައި އަހުރެން ބުނާނީ ކަމެއްދިމާވެދާނެކަމުގެ ބިރަށް ގެއަށް ކާބޯތަކެތިވެއްދުމަށްވުރެ މުހިންމީ ތައުބާވުމަށް އަވަސްވެގަތުމެވެ. މަރުވުމަށް އޮތް ވަޤުތުޖެހުމުން މަރުވާނެއެވެ. މަރުވުމުން ސަލާމަތްކަން ލިބި ސުވަރުގެ ވަދެވޭނީ ތައުބާވެގެން ހުރި މީހަކަށްކަމަށްވާތީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން