ޛިކުރުތަކާ ދުޢާތަކާ ހެޔޮ އެއްޗެތި ދަސްކުރިޔަސް ހަނދާންނެތޭނަމަ ކުރަން އޮތް ދެކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޛިކުރުތަކާ ދުޢާތަކާ ހެޔޮ އެއްޗެތި ދަސްކުރިޔަސް ހަނދާންނެތޭނަމަ ކުރަން އޮތް ދެކަންތައް!

ގިނަ ބައަކު ކަންބޮޑުވެ ދެރަވާ އެއްކަމަކީ ދަސްކުރާ ޛިކުރުތަކާ ދުޢާތަކާ ހެޔޮ އެއްޗެތި ހަނދާންނެތޭ ކަމެވެ. އެހެންވެ މިބުނެދެނީ އެކަމަށް ޙައްލު ހޯދަން ކުރެވިދާނެ ދެކަމެކެވެ.  

މިއީ ގިނަ ބައަކަށް ކުރިމަތިވާ ކަމެކެވެ. އެފަދަ ތަކެތި ހިތުން ދަސްކުރިޔަސް ކިޔަން ބޭނުންވާ ވަގުތު ހިތަށް ނުގެނެވޭ ކަމެވެ. މިކަން މިގޮތަށް މެދުވެރިވާ ދެސަބަބެއް ފާހަގަކޮށްލާނަމެވެ.   

ފުރަތަމަ ސަބަބަކީ ދަސްކުރުމަށްފަހު ކިޔުން މަދުކަމެވެ! ޤަވާއިދުން ކިޔާނަމަ ހަނދާން ނެތުމުގެ ފުރުޞަތު ވަރަށް ކުޑަވާނެއެވެ.  

މިކަމުގެ އެންމެ ފަސޭހަ އެއް މިސާލަކީ ކަށުނަމާދުގައި ކުރާ ދުޢާއެވެ! ވަރަށް ގިނަ ބައަކު ދުޢާ ދަސްކުރި ނަމަވެސް ހަނދާނެއް ނުހުރެއެވެ. އެއީ ކަށުނަމާދުގައި ބައިވެރިވުން މަދުކަމުންނެވެ. ޢާންމުކޮށް ކަށުނަމާދުކުރާނަމަ ހަނދާން ހުންނާނެއެވެ.  

ދެވަނަ ސަބަބަކީ ސިކުނޑީގައި ބޭކާރު ކަންކަން ގިނަކުރާކަމެވެ. ބޭކާރު ވިސްނުންތަކުން ސިކުނޑި ފުރައިލާ ކަމެވެ. އެއްޗެތި މާގިނަވުމުން ކޮންޕިޔުޓަރ ސްލޯވާ ފަދައިން އެއްޗެތި ގިނަވުމުން ސިކުނޑިވެސް ހަމަ ސްލޯވާނެއެވެ. ވީމާ ހަނދާންކުރަން ބޭނުންވާ ވަގުތު ހިތްމައްޗަށް ގެންނަން އުނދަގޫވަނީއެވެ. މާފަހުން ހަނދާންވެސްވާނެއެވެ.  

ދެވަނަ ގޮތުގައި ޙައްލަކީ ބޭކާރު ކަންކަމަށް ނުވިސްނުމެވެ. މުސްލިމުންނަކީ އެމީހުންގެ ހުރިހާ ސަމާލުކަމެއް އިސްލާމް ދީނުގެ ކަންކަމަށް ދޭންޖެހޭ ބައެކެވެ. ވީމާ ބޭކާރު ކަންކަމަށް އެހައި ބޮޑަށް ނުވިސްނާށެވެ! ބޭކާރު ކަންކަމަށް ދޭ ސަމާލުކަން ބޮޑުކުރާށެވެ!  

މީގެ އިތުރުން ހިތް އަލިކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! އަދި ފާފަކުރުމާއި ބޭކާރު ވާހަކަ ދެއްކުން ވެސް ހުއްޓައިލާށެވެ. ފާފަ ކުރުމަކީ ހިތް ގައުކޮށް ހިލަކުރާ ސަބަބެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން